ކުޑަކުދިންގެ ޕާކެއް
ކުޑަކުދިންގެ ޕާކެއް
މިދިޔަ މެއި މަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް ރިޕޯޓްކޮށްފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ކުޑަކުދިންނާ ގުޅޭ ޖުމްލަ 81 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލަހިމެނެއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 19 އަންހެން ކުއްޖަކަށާއި 6 ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހުށަހެޅި މައްސަލަތަކެވެ.

ކުޑަކުދިންގެ އަޚްލާގާ ގުޅޭ މައްސަލަތަކަށް ބަލާއިރު، ޖުމްލަ 44 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅޭ 8 މައްސަލައެއް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިދިޔަ މަހު ހުށަހެޅުނު އެހެނިހެން މައްސަލަތަކުގެ ތެރޭގައި ކުދިންނަށް އަޅާނުލުމުގެ 18 މައްސަލަ އާއި، ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލަ އާއި، ޖިސްމާނީ އަނިޔާގެ 8 މައްސަލަ އާއި، ބުލީ ކުރުމުގެ 7 މައްސަލަ އާއި، ސައިބާ ބުލީގެ 4 މައްސަލަ ހިމެނެއެވެ.



މި މައްސަލަތަކާ ގުޅިގެން މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 161 ކައުންސެލިން ސެޝަނެއް ބާއްވާފައިވާއިރު، 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް ފޯރުކޮށްދީފައިވެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު 1412 ހެލްޕްލައިނަށް 1،379 ކޯލް ލިބިފައިވާއިރު، 1421 ހެލްޕްލައިނަށް 626 ކޯލް ވަނީ ލިބިފައެވެ. ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު