ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން
ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން
ނަރުސް މޭރީގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މި މައްސަލަތަކުގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާގެ މައްޗަށް މިއަދު ސާބިތުވެފައިވަނީ، މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވުުމުގެ ކުށާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، އެކަން މޭރީއަށް އެނގުނު ހިސާބުން ލަމްހާއާ މޭރީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ. އަދި މޭރީއަށް ލަމްހާ އިންޒާރު ދީފައިވާކަން ވެސް ހެކިތަކުން އެނގޭ ކަމަށެވެ. މޭރީ މަރާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެދެމަފިރިންގެ ހަތަރު އަހަރުގެ ދަރިފުޅު އެވަގުތު އެގެއިން ގެންގޮސްފައިވަނީ ލަމްހާ ކަމަށްވެސް ހުކުމުގައިވެއެވެ. އަދި މޭރީ މަރުވުމުން ލަމްހާ އެދަރިފުޅު އަނބުރާ ގެއަށް ގެނެސްފައިވާއިރު، މާވިން އެމްބިއުލާންސަށް ގުޅީ ވެސް ލަމްހާ އެގެއިން ނުކުމެގެން ދިޔަފަހުން ކަމަށް ހުކުމުގައިވެއެވެ.

ހަމައެއާއެކު މޭރީގެ ހަށިގަނޑުން ސަކްސިނަލްކޮލިން ކްލޮރައިޑް ޑްރަގް ފެނިފައިވާ ކަމަށާއި، ހޭނައްތާލުމަށް ބޭނުންކުރާ އެ ޑްރަގަކީ ހަމައެކަނި ހޮސްޕިޓަލްތަކަށް ދޫކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ކޮންޓްރޯލްޑް ޑްރަގެއް ކަމަށް ޙުކުމްގައިވެއެވެ. އަދި އެ ޑްރަގް ބޭނުންކޮށްފައިވާ ފުޅިއަކާއި ސިރިންޖުތަކެއް ލަމްހާގެ ގެއިން ވަނީ ފެނިފައިވާތީ، ކުށުގެ އަމަލުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ.

ހުކުމުގައި ބުނެފައި ވަނީ މޭރީ މަރާލުމަށްފަހު މާވިންއާއި ލަމްހާ މަސައްކަތް ކޮށްފައި ވަނީ ދަންޖެހުނު ކަމަށް ހެދުމަށެވެ. ނަމަވެސް މޭރީ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ލިބުނު އަނިޔާތަކުން ކަމަށް މެޑިކަލް ރިޕޯޓުތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ. މި މައްސަލަ ލަމްހާގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ނިންމި ނަމަވެސް، އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

ލަމްހާގެ އިތުރުން އެ މައްސަލައިގައި ދެން ދައުލަތުން ދައުވާކުރީ މޭރީ ގްރޭސްގެ ފިރިމީހާ މާވިން ވާގަސްގެ މައްޗަށެވެ. އެނގިހުރެ މޭރީ މަރާލުމުގެ ކުށް މާވިންގެ މައްޗަށް ވެސް މިއަދު ވަނީ ސާބިތުވެފައެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ ދަންޖެހިގެން މަރުވެފައިވާކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިންއެވެ. ފުރަތަމަ މާވިން ބުނީ މޭރީ ދަންޖެހިގެން މަރުވީ ކަމަށެވެ. މޭރީގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާ އަށް ފޮނުވައި އޭގެ ފަހުން ފިލިޕީންސްގައި ހުންނަ އާއިލާއާ ހަވާލުކުރީ 7 ނޮވެމްބަރު 2021 ގައެވެ. އޮޓޮޕްސީ ރިޕޯޓުގައި މޭރީ މަރުވީ ކަރާއި ބޮލަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން ކަމަށް ދައްކައެވެ. އަދި މޭރީގެ ލޭގައި ސަކްސިނައިލްކޮލީން ހުރި ކަމަށް ފާހަގަކުރެވިފައިވެއެވެ. އެ ބޭހުގެ ބޭނުންކޮށްފައިވާ އިންޖެކްޝަނެއް ލަމްހާގެ ގެއިން ފެނިފައިވެއެވެ.

މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކުރީ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެެވެ.

އަދި މޭރީގެ މަރުގެ މައްސަލާގައި މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށްބުނާ 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ 2021 ވަަނަ އަަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. ލަމްހާގެ މައްޗަށް ދައުވާ ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީއާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީއެވެ.

ލަމްހާއަށް ކޮށްފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ.

ލަމްހާއަށް ކޮށްފައިވާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު