ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މިގޮތުން، ފުލުހުންގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލައްވަމުން، ރައްޔިތުންގެ ޝުއޫރުތަކަށާއި ބޭނުންތަކަށް އިސްކަންދީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމަށް ބާރުއެޅުއްވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް މިހާރު ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެ މަސައްކަތްތަކުގައި ފުލުހުންގެ އެގްޒެކެޓިވް ބޯޑުން އަދާކުރާ މުހިންމު ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްއާއި އެގްޒެކެޓިވް ބޯޑުގެ މެންބަރުން ވަނީ، ރައްޔިތުންގެ އިތުބާރު ހޯދައި، ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ސްޓްރެޓީޖިކް މަގުސަދުތައް ހާސިލުކުރުމަށް ފަސްޖެހުމެއްނެތި މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު