ވެނެޒުއޭލާގެ އުތުރު-މެދުތެރޭގެ ސަރަހައްދު
ވެނެޒުއޭލާގެ އުތުރު-މެދުތެރޭގެ ސަރަހައްދު
ވެނެޒުއޭލާގެ އުތުރު-މެދުތެރޭގެ ސަރަހައްދަށް ބުދަ ދުވަހުގެ މެންދުރުފަހު ވަނީ 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ހާމަކުރި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ވެނެޒުއޭލާގެ މޮންޓަލްބަން ކައިރިއަށެވެ.

13 ކިލޯމީޓަރުގެ ފުންމިނުގައި އުފެދުނު މި ބިންހެލުމުގެ އަސަރު އެގައުމުގެ ވެރިރަށް ކަރަކަސްގެ އިތުރުން އަވަށްޓެރި ކޮލަމްބިއާއަށްވެސް ވަނީ ކުރެވިފައެވެ.

ބިންހެލުމުގެ ސަބަބުން ކަރަކަސްގައި ހުރި އިމާރާތްތަކަށް ލޮޅުން އެރުމާއެކު، ބިރުވެރިކަމުގެ ތެރޭގައި އެތައް ބަޔަކު އިމާރާތްތަކުން ނުކުމެ މަގުތަކަށް ވަނީ ޖަމާވެފައެވެ.

އެތަނުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި، އެމީހުން ދިރިއުޅޭ އެޕާޓްމަންޓުގެ ފާރުތަކުގައި ރެނދުލައި، އިމާރާތުގެ ދޮރުމަތީގައި ހުރި ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސުނާމީ ވޯނިން ސިސްޓަމުން ވަނީ ޕިއުޓޯ ރިކޯ އާއި އެމެރިކާ އަދި ބްރިޓިޝް ވާޖިން އައިލެންޑްސްއަށް ސުނާމީގެ އިންޒާރު ނެރެފައެވެ. މީގެ އިތުރުން ވެނެޒުއޭލާގެ އައްސޭރިފަށުގައި އޮންނަ އަރުބާ، ކިއުރަސާއޯ އަދި ބޮނޭއާރް އައިލެންޑްސްއަށްވެސް ނުރައްކާތެރި ރާޅުތަކެއް އަރާފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު