ބިންހެލުމުގައި ލިބުނު ގެއްލުން
ބިންހެލުމުގައި ލިބުނު ގެއްލުން
ޕެނަމާގެ ދެކުނުައްޓަށް ރިކްޓާ މިންގަނޑުން 7.7 ގެ ބާރުގަދަ ބިންހެލުމެއް އައިސް، އިމާރާތްތަކަށާއި މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މެދުތެރެއާއި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

ބައެއް މަސްދަރުތަކުން ހަބަރުދޭ ގޮތުގައި ފުރަތަމަ ހެލުން އައީ 8 މެގްނިޓިއުޑް ގައެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ފުރަތަމަ މި ބިންހެލުމުގެ ބާރުމިން 7.6 ގައި ރެކޯޑުކޮށްފައިވާއިރު، ބިންހެލުމުގެ މަރުކަޒު ހުރީ ޕިޓަލޯޒާ އަރީބާގެ ހުޅަނގުދެކުނުން ގާތްގަނޑަކަށް 14 ކިލޯމީޓަރު ދުރުގައެވެ. މި ބިންހެލުމުގެ ލޮޅުންތައް ވެރިރަށް ޕެނަމާ ސިޓީއަށް ވެސް އިހުސާސްކުރެވި، ބިރުން ސަލާމަތްވުމަށްޓަކައި ގިނަ އަދަދެއްގެ މީހުން ވަނީ މަގުތަކަށް ނުކުމެފައެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މެދުތެރޭގެ ޕްރޮވިންސްތައް ކަމަށްވާ ވެރާގުއަސް، ހެރޭރާ އަދި ލޮސް ސަންޓޯސްއަށެވެ. އަދި ބައެއް ތަންތަނުން ވެއްޓުނު ކުނިބުންޏާއި ގާތަކުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. ޕެނަމާގައި ހުންނަ ސެއިންޓް ޖޯން ބެޕްޓިސްޓް ކެތީޑްރަލްގެ ބައެއް ބައިތައް ވެއްޓި، ބޮޑެތި ރެނދުތައް ލާފައިވާއިރު، ގަވަރުނަރުގެ އޮފީހަށާއި "ދޮސް ކޮންޓިނެންޓެސް" ހޮޓަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މީގެއިތުރުން، ލޮސް ސަންޓޯސް ޕްރޮވިންސްގައި ހުރި ތާރީޚީ ސެން އަޓަނާސިއޯ ފައްޅި އެއްކޮށް ވެއްޓިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

މި ބިންހެލުމާ ގުޅިގެން ކޮސްޓަރީކާ، ނިކަރާގުއާ، ގުއަޓެމާލާ، އެލް ސަލްވަޑޯ، އިކުއެޑޯ، ޕެރޫ އަދި މެކްސިކޯ ހިމެނޭހެން ސަރަހައްދުގެ ގިނަ ގައުމުތަކަކަށް ސުނާމީގެ އިންޒާރު ނެރުނެވެ. އަދި ޗިލީން ވެސް ސުނާމީގެ އިންޒާރެއް ނެރުމަށްފަހު ފަހުން ވަނީ އެ އިންޒާރު ބާތިލުކޮށްފައެވެ.

ފުރަތަމަ ބިންހެލުމަށްފަހު، މާގިނައިރުތަކެއް ނުވެ ރިކްޓާ މިންގަނޑުން 6.0 ގެ ބާރުމިނުގައި ދެވަނަ ބިންހެލުމެއް އައިސްފައިވާއިރު، އޭގެ ފަހުންވެސް ކުދި އެތައް ލޮޅުންތަކެއް ވަނީ ރެކޯޑުކުރެވިފައެވެ.

ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވަނީ އާންމު ރައްޔިތުން ކެތްތެރިކަމާއެކު ހަމަޖެހިގެން ތިބުމަށާއި، ބިރުވެރިކަން އުފެދޭ ފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ. ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޓީމުތަކުން ގެއްލުންވި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ ލިބުނު ގެއްލުންތައް ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް