ތައިލެންޑަށް އައި ފުރަތަމަ ފަތުރުވެރިންގެ ތެރެއިން މީހަކު ފޭސް ޝީލްޑު އަޅަނީ.
ތައިލެންޑަށް އައި ފުރަތަމަ ފަތުރުވެރިންގެ ތެރެއިން މީހަކު ފޭސް ޝީލްޑު އަޅަނީ.
ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ބަންދުކޮށްފައިވާ ތައިލެންޑުގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވައިލައިފިއެވެ.

މިގޮތުން ފަތުރުވެރިންނަށް ދޫކުރާ ހާއްސަ ވިސާއެއްގެ ދަށުން ތައިލެންޑަށް އެތެރެ ވެވޭނެކަމަށްވެސް ތައިލެންޑުގެ އިދާރާތަކުން ހާމަ ކޮށްފައިވެއެވެ.

ބޯޑަރު ހުޅުވިފަހުން ތައިލެންޑަށް އައި ފުރަތަމަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަންގާ ދުވަހުގެ ރޭގައެވެ. މިގޮތުން އެންމެ ފުރަތަމަ ފަތުރުވެރިންގެ ގޮތުގައި، ޗައިނާގެ ޝަންހާއީގެ 39 ފަތުރުވެރިޔަކު ތައިލެންޑަށް އައިސްފައިވާކަމަށް ސުވަރްނަބޫމީ އެއަރޕޯޓުގެެ ޑެޕިއުޓީ ޑިރެކްޓަރ ހާމަކޮށްފައިވެއެވެ.

ފަތުރުވެރިން އައި މަންޒަރު ތައިލެންޑުގެ ޓީވީ ތަކުން ދައްކާފައިވާއިރު، ފަތުރުވެރިން ފްލައިޓުން ފައިބައިގެން ބަހަށް އެރިއިރު، މާސްކް އަޅަައި، ފޭސް ޝީލްޑު އަޅައި، އަންގިވެސް ލައްވާފަހުއްޓެވެ. އަދި މި ފަތުރުވެރިންގެ ފޮށިތައް ފްލައިޓުން ބާލައި ޑިސްއިންފެކްޓު ކުރަމުން ދިޔަ މަންޒަރުވެސް ތައިލެންޑުގެ ޓީވީ ތަކުން ދައްކާފައިވެއެވެ.

ފަތުރުވެރިން އައުމަށް ތައިލެންޑްގެ ބޯޑަރުތައް ހުޅުވާލިއިރު، ކޮވިޑް ފެތުރުމުގެ އިތުރަށް، ތައިލެންޑުގައި ސަރުކާރާ ދެކޮޅަށް މުޒާހާރާތަކެއްވެސް ދަނީ ކުރަމުންނެވެ.

ނަމަވެސް މި މުޒާހަރާތަކުގެ އަސަރު ފަތުރުވެރިން އައުމަށް ނުކުރާނެ ކަމަށް ތައިލެންޑުގެ ޓުއަރިޒަމް އޮތޯރިޓީގެ ޗީފް ހާމަކޮށްފައިވެއެވެ.

ތައިލެންޑުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 3،719 މީހަކަށް ކޮވިޑް ޖެހިފައިވާއިރު 3،514 މީހަކު މިބަލިން ރަނގަޅުވެފައިވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން