މަސްމާރުކޭޓާއި ލޯކަލް މާރުކޭޓުގެ ހުރިހާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެހެން ސަރުކާރުން ބިނާކުރަން ނިންމާފައިވާ ޒަމާނީ އިމާރާތުގެ ބިން މާލެ ސިޓީ ކައުންސިލުން ދޫނުކޮށްފިނަމަ، ދެން ޖެހޭނީ އެ ބިން ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޓީ ކައުންސިލްގެ ފަރާތުން ކުރިމަތިވަމުންދާ ތަފާތު ހުރަސްތަކާ ހުރެ އެ މަޝްރޫއު ކުރިއަށް ނުގެންދެވިފައިވާ ކަމަށެވެ. އަދި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނީ ހަމަތަކުގެ މަތިން އެ ބިން ސަރުކާރަށް ނަގަން ޖެހިދާނެ ކަމަށާއި، ނަމަވެސް އެއީ ސަރުކާރުން އެންމެ އެދޭ ގޮތް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެތަން [މާރުކޭޓްގެ އިމާރާތް] އަޅުގަނޑުމެންނަށް ހެދޭނެ ގޮތެއް ނުވި. ހަމަ އެކި ކަހަލަ އުނދަގޫތައް މި ކުރަނީ. އެންމެ ފަހުން މި ޖެހެނީ ގާނޫނީ އިޖުރާއަތްތައް ތެރެއިން އެތަން ސަރުކާރަށް ނަގަން. މިއީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިގޮތަށް ބިން ސަރުކާރަށް ނަގައިފިނަމަ، "ލާމަރުކަޒީ ނިޒާމު ފުނޑާލަނީ" ކަމުގެ އިނގިލި އެމަނިކުފާނަށް ދިއްކުރާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ލާމަރުކަޒީ ނިޒާމާ ދެކޮޅު މީހެއްގެ ގޮތުގައި ދެއްކުމަށް ކުރާނެ ތުހުމަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ އިހުލާސްތެރިކަމެއް ނެތް ސިޔާސީ ވާހަކަތައް ދެއްކުން ހުއްޓާލައިފިނަމަ، ގައުމަށް ހަގީގީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، ރާއްޖެއަށް މިއަދު ބޭނުންވަނީ އެފަދަ ބަދަލުތަކެއް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު