މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކަށް މިހާރު މެންބަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ މެސެޖަށް ސީދާ އަމަލުކުރާނެ ބޭފުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަހުމަދު ދީދީ ވިދާޅުވީ ކުރީގެ އެމްޑީޕީ ސަރުކާރުގައި މިނިވަން ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރުމުގައި އަމަލުކުރަމުން ދިޔައީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަމަށެވެ. އެގޮތުން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޕޫލެއްގެ ގޮތުގައި ގިނަ ނަންތަކެއް މަޖިލީހަށް ފޮނުވާ ކަމަށާއި، މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން އެ ބޭފުޅުންނާ އިންޓަވިއުކޮށް، ދިރާސާކުރުމަށްފަހު ނޫނީ ނަންތައް ފާސްނުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިހާރުގެ ސަރުކާރުން އެ ނިޒާމު މުޅިން ބަދަލުކޮށްލާފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވަނީ އެންމެ ނަމެއް ކަމަށާއި، މަޖިލީހަށް އިތުރު އެއްވެސް އިޚުތިޔާރެއް (ޗޮއިސްއެއް) ނޯންނަ ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން، ގިނަ ފަހަރަށް އިންޓަވިއުއެއްވެސް ކުރުމެއް ނެތް، ހަމައެކަނި ސީވީއަށް ބަލާލުމަށްފަހު އެ ނަމެއް ފާސްކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެހެންވީމަ ކުރީގަ އޮތް ކޮންމެވެސް ވަރަކަށް އެ ޗެކް އެންޑް ބެލެންސްގެ ބައިވެސް އެއްކޮށް މިހާރު ގެއްލިގެން އެދިޔައީ. އެހެންވީމަ މިހާރު މި ކޮމިޝަންތަކަށް އެދަނީ ހަމަ ސީދާ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖަށް އަމަލު ކުރާނެ ކޮމިޝަންތަކުގެ ބޭފުޅުންތަން އެ ނަމުން ނަންގަވަމުން ގެންދަނީ،" ދީދީ ވިދާޅުވިއެވެ.

މި ބަދަލަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އެޅިގެންދާ "ވަރަށް އަނދިރި" ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުން ދީދީ ވިދާޅުވީ، މިކަންކަން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ކުރިން އަމަލުކުރަމުން އައި ގޮތަށް، ގާނޫނުގައި އޮތް ހަމަތަކުގެ މަތިން ގިނަ ނަންތަކެއް ފޮނުވައިގެން ކޮމިޝަންތަކަށް މީހުން އައްޔަންކުރަން އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ރައީސް ބޭނުންވާ މީހަކު ފޮނުވުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެންނަމުންދާ ކަމަށާއި، ރައީސް ފޮނުވާ ނަމެއް ނަމަވެސް އިންޓަވިއުކޮށް އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަގުވެސް މިހާރު ބަންދުވެފައިވާ ކަމަށް ދީދީ ވިދާޅުވިއެވެ. އެހެންކަމުން، މިހާރު ހުރިހާ ދިމާލަކުންވެސް ފެންނަމުންދަނީ ހުދުމުހުތާރު ވެރިކަމެއްގެ ސިފަތައް ކަމަށް ވިދާޅުވެ ދީދީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު