ޑޮލަރުގެ ކަންކަމުގެ ތެރެއަށް ގަވަރުނަރު އަހުމަދު މުނައްވަރު ވަދެވަޑައިނުގަތުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިރޭ އިލްތިމާސްކުރައްވައިފިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޓައުންހޯލް ޖަލްސާގައި ވާހަކަދައްކަވަމުން، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރަށް ފާޑުވިދާޅުވެ، ޒިންމާދާރުކަމާއެކު ނޫނީ ޑޮލަރުގެ މައްސަލައިގެ ތެރެއަށް ވެދެވަޑައިނުގަތުމަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދު ރާއްޖެ ފެންނަނީ ކުރިއަށްވުރެ ބޮޑަށް ފަގީރުވެފައިވާ މަންޒަރު ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް އޮތްނަމަ، ދިވެހި ފައިސާގެ އަގު މިހާ ބޮޑަށް ނުވެއްޓޭނެ ކަމަށާއި، މިހާރު ހުރި މިސްރާބަށް ބަދަލެއް ނައިސްފިނަމަ ޑޮލަރުގެ އަގު 21 ރުފިޔާއަށް އަރައިގެން ހިނގައިދާނެ ކަމަށް ލަފާކުރެއްވިއެވެ.

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރި ކުރުމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ، އެއީ ހަމައެކަނި ޑޮލަރުގެ މައްސަލައިގައި މީހުން ދައްކާ ވާހަކަތަކުގެ އަޑުކަނޑުވާލަން ވެގެން ކުރި ވަގުތީ ކަމެއް ކަމަށެވެ.

"މީ ވަގުތީ ކަމެއްގެ ވާހަކަ މިދައްކަނީ. ހަމަ ތަނެއް ކަހައިގަތީމައި އެ ތަން ކަހާލާ ވާހަކަ މި ދައްކަނީ. ދެމެހެއްޓެނިވި ގޮތެއްގައި މި ކަން ނުކުރެވޭނެ ކަމަށް ވެއްޖިއްޔާ އަޅުގަނޑު މުނައްވަރަށް ވެސް ދޭނެ ނަސޭހަތަކީ މީގެ ތެރެއަށް ވަންނާނެއް ކަމެއް ނެތޭ،" ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭންކުތަކަށް ޑޮލަރު ދޫކުރަންވާނީ އެމްއެމްއޭއަށް ވެސް ޑޮލަރު ލިބޭނެ ގޮތްތަކެއް ހުރެގެންނެވެ. އެމްއެމްއޭއަށް ދިވެހި ރުފިޔާ ޗާޕުކުރެވުނު ނަމަވެސް، ޑޮލަރު ޗާޕު ނުކުރެވޭނެކަން ހަނދާންކުރަންޖެހެއެވެ.

ރައީސް ޔާމީން ވިދާޅުވީ، މަރުކަޒީ ބޭންކުގެ އަސާސީ ޒިންމާއަކީ ސަރުކާރުގެ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި ޑޮލަރުގެ ރޭޓް ކޮންޓްރޯލް ކުރުން ކަމަށެވެ. ސަރުކާރުގެ ސިޔާސީ އެޖެންޑާ ކުރިއަރުވަން އެމްއެމްއޭއިން މަސައްކަތް ކުރާނަމަ، އެ ތަނަކީ ވެސް ސިޔާސީ 'ޗަރުކޭސް' ކުޅޭ ތަނަކަށް ބަދަލުވެގެންދާނެ ކަމަށާއި، އެއީ އެއްގޮތަކަށް ވެސް ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު