މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ތައްޔާރުވެފައި އޮތް މަންޒަރު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޕާޓީގެ "ރީނދޫ ލަޝްކަރު" ގެ މެންބަރުންނަށާއި، ލީޑާޝިޕް އަދި ޕާޓީގެ އެންމެހާ ޚިދުމަތްތެރިންނަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައި ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ސަފުތައް ބަދަހިކަމާއެކު ރުކުރުވާލެވިފައިވާ މަންޒަރު ކަމަށެވެ.

ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ސިޔާސީ މައިދާނުން އެތަކެއް ޕާޓީތަކެއް ފަނޑުވެދިޔައިރު ވެސް، އެމްޑީޕީއަށް އެންމެ ވިދުންގަދަ ޕާޓީގެ ގޮތުގައި 21 އަހަރު ކަޑައްތުކުރެވުނީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ވީ ގުރުބާނީގެ ސަބަބުންނެވެ. އަދި ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާއަށް މި ޕާޓީ ވެގެންގޮސްފައިވަނީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



"ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި އޮތީ އެމްޑީޕީއާ. މީގެ 21 އަހަރުން ކުރިން ރަސްމީކޮށް މި ޕާޓީން ފެށި އިސްލާހީ މަސައްކަތް ފުރިހަމަކުރުމަކީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާނެ މަސައްކަތެއް،" ފައްޔާޒު ވިދާޅުވިއެވެ.

ޕޯސްޓް ނިންމާލައްވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި، އެދެނީ ޕާޓީގެ މަސައްކަތްތަކުގައި ކާމިޔާބު މިންވަރު ކުރެއްވުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު