ރާއްޖޭގެ ވޯޓުލުމުގެ ނިޒާމު އިލެކްޓްރޯނިކަލްކޮށް ޑިޖިޓަލްކޮށް، އީ-ވޯޓިންއަށް ބަދަލުކުރަން ސަރުކާރުން ނޫޅޭ ކަމަށާއި، އެއީ އިދިކޮޅު ފަރާތްތަކުން ހަދަމުންދާ ބޮޑު ދޮގެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަނަލް ޗެޓް" ގެ ދެވަނަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ "މޯލްޑިވްސް 2.0" މަޝްރޫޢުގެ މައިގަނޑު އަސާސަކީ ވޯޓުލާ ގޮތް ބަދަލުކުރުން ނޫން ކަމަށާއި، އޭގެ އަސްލު ބޭނުމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް ފަތުރަނީ ރައްޔިތުންނަށް ދައްކާނެ އިތުރު އެއްވެސް ކަމެއް ނެތުމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ވޯޓުލުން އިލެކްޓްރޯނިކަލީ ޑިޖިޓަލް ކުރާކަށް ނޫން މި އުޅެނީކީ އިނގޭތޯ. މިއީވެސް ދެން ކުރީގަވެސް މަޖިލިސް ތެރެއިން ދެން ދެން އިވުނު ވާހަކައެއް. އިދިކޮޅު ފަރާތްތަކަށް ވާގޮތަކީ އެބޭފުޅުންގެ ނެތީ ރައްޔިތުންނަށް އޮފާކުރާނެ އެއްވެސް ކަމެއް. ނެތީމަ އޮންނަނީ ހަމައެކަނި ދޮގުހެދުން. އެހެންވީމަ އެގޮތުން ހަދާފަ އޮތް ދޮގެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުމެން ނޫޅެން މި މޯލްޑިވްސް 2.0 ތެރެއިން ރާއްޖޭގައި ވޯޓުލާގޮތް، މީ، އީ-ވޯޓިންއަށް ބަދަލުކުރާކަށެއް. އެއެއް ނޫން. މިއުޅެނީ ކޮރަޕްޝަން ނައްތާލަން އެހީތެރިވެދޭނެ ގޮތެއް ހަދަން އިނގޭތޯ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށްޓަކައި އެންމެ މުހިންމު ކަމަކީ ދައުލަތުންދޭ ޚިދުމަތްތަކުގެ ތެރެއަށް އިންސާނުން ވަންނަންޖެހޭ މިންވަރު ކުޑަކުރުން ކަމަށެވެ. ޚާއްޞަކޮށް ޕްރޮކިއުމަންޓް ނިޒާމާއި އެކިކަހަލަ ޚިދުމަތްތައް ތަރުތީބުކުރުމުގައި އިންސާނުންގެ ދައުރު ބޮޑުވުމުން، އަމިއްލަ ބޭނުމަށް ކަންކަން ބަދަލުކުރުމުގެ ފުރުސަތު އޮންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ނިޒާމުތައް އޮޓޮމޭޓް ކުރެވުމުން އެ ފުރުސަތުތައް އެއްކޮށް ނެތިގެންދާނެ ކަމަށް ރައީސްވިދާޅުވިއެވެ."މޯލްޑިވްސް 2.0" ގެ ސަބަބުން ދައުލަތުގެ މަސައްކަތްތަކުގެ ހިންގުން ހަރުދަނާވެ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން، މި ފުޅާ ބަދަލުގެ ތެރެއިން ރާއްޖެއަށް "ޕޭޕަލް" އާއި "ގޫގުލް" ފަދަ ބައިނަލްއަގުވާމީ މުހިންމު ޕްލެޓްފޯމްތައް ރަސްމީކޮށް ތައާރަފްވެގެންދިއުމަކީ މި ނިޒާމުގެ ތެރެއަށް ވަދެގެންދާނެ ވަރަށް މުހިންމު ބައެއްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ ފާހަަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު