އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕުން ބުނުމުން އަލްހަމްދު ނުކިޔަން ނުވަތަ ހެޔޮބަހެއް ނުބުނަން ބުނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ޖަނާބު އިއްބެ ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުން 'އަލްޙަމްދު' ކިޔަން ބުންޏަސް، އެކަމާ ޕީއެންސީން ދެކޮޅު ހަދަންޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން "ރަސް އޮންލައިން" އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. އިޔާޒް ވިދާޅުވީ، ވަކި ބަޔަކު ދެކެ އަންނަ ރުޅިއެއްގެ ސަބަބުން ޢަދުލުވެރިކަން ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، ވަކި ސިޔާސީ ފިކުރެއްގެ މީހަކު ބުނީތީ ހެޔޮ ބަސްތައް ގަބޫލުނުކުރުމަކީ އިސްލާމްދީނުގެ ގޮތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނުގެ މާއިދާ ސޫރަތުގެ 8 ވަނަ އާޔަތް ހެކިދައްކަވަމުން ޑރ.އިޔާޒު ވިދާޅުވީ، ބަޔަކު މީހުން ދެކެ އަންނަ ރުޅިއަކީ އަދުލުވެރި ނުވުމަށް އޮތް ހުއްޖަތެއް ކަމުގައި ހަދައިގެން ނުވާނެ ކަމަށެވެ. އަދި ނިދުމުގެ ކުރިން އާޔަތުލް ކުރްސި ކިޔުމަށް އިބިލީސް ދަސްކޮށްދިން ހާދިސާއަށް ޑރ. އިޔާޒު ވަނީ އަލިއަޅުއްވާލައްވާފައެވެ.

"އިބިލީސް ބުންޏަސް، އަޅުގަނޑުމެން ނިދަން އޮންނައިރު އާޔަތުލް ކުރްސި ކިޔަން ދަސްކޮށްދިނީ އިބިލީސް. އެހެންނަމަވެސް އިބިލީސް ވެސް ރަނގަޅު ބަހެއް ބުނެފިއްޔާ އެބަސް ގަބޫލުކުރަން އޮންނަނީ. އެހެންވީމާ، އެމްޑީޕީ މީހަކު ބުނީތީ އަލްހަމްދު ނުކިޔާ، ނޫނީ އެމްޑީޕީ މީހަކު ބުނީތީ ހެޔޮބަހެއް ނުބުނާނަމޭ ބުނުމަކީ އެ ވަރަށް ބޮޑު ގޯހެއް. އެއީކީ އިސްލާމްދީނުގެ ގޮތެއް ނޫން." ޑރ.އިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ޖަނާބު ވިދާޅުވެފައިވަނީ، އިދިކޮޅު އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަކީ ނިޔަތް ނުބައި ބައެއް ކަމަށާއި، އެބޭފުޅުން ހެޔޮ އެދިގެން ކަމެއް ކުރަން ބުންޏަސް އެކަމަކަށް އިތުބާރު ކުރެވެން ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕުން 'އަލްޙަމްދު' ކިޔަން ބުންޏަސް، އެކަމާ ޕީއެންސީން ދެކޮޅު ހަދަންޖެހޭނެ ކަމަށް ޖަނާބު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު