އަމިއްލަ 12 އަހަރުގެ އަންހެން ދަރިފުޅު ޖިންސީ އަޅުވެތިކަމުގެ މަސައްކަތް ކުރުވުމަށް ޖަޕާނަށް ފޮނުވި މަންމައަކު، 7 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ތައިލެންޑުގެ ބެންކޮކްގެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ، ހުކުމް އިއްވާފައިވަނީ ތައިލެންޑުގެ ޕެޗަބޫން ސަރަހައްދަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަންހެނެއްގެ މައްޗަށެވެ. ކޯޓުން ފުރަތަމަ އޭނާގެ މައްޗަށް ކަނޑައެޅީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފުވުމާ ގުޅިގެން، އަދަބު ލުއިކޮށްދީ ހުކުމް ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދީފައެވެ.

އެމައްސަލައިގައި ޝަރީއަތަށް ހާމަވެފައިވާ ގޮތުގައި، އެ އަންހެންމީހާ އޭނާގެ ދަރިފުޅު ޖަޕާނަށް ގެންގޮސްފައިވަނީ ޗުއްޓީ ހޭދަކޮށްލުމުގެ ނަމުގައެވެ. ނަމަވެސް، އޭނާގެ އަސްލު ރޭވުމަކީ ޓޯކިއޯގައި ހުންނަ މަސާޖު ޕާލާއެއްގައި އެ ކުއްޖާ ލައްވައި މަޖުބޫރުން ހަށިވިއްކުމުގެ މަސައްކަތް ކުރުވުމެވެ.

ތައިލޭންޑް އަދި ޖަޕާނުގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ ޖޫން އަދި ޖުލައި މަހާ ދެމެދުގެ އެއް މަސް ދުވަހުގެ ތެރޭގައި، އެ އަންހެން ކުއްޖާ ވަނީ ގާތްގަނޑަކަށް 60 ކަސްޓަމަރުންނަށް ޖިންސީ ހިދުމަތް ފޯރުކޮށްދީފައެވެ.މި މައްސަލަ ފަޅާއެރީ އެ ކުއްޖާ ސަލާމަތްވުމަށް އެދި ޖަޕާނުގެ އިމިގްރޭޝަން ސާވިސަސް އެޖެންސީއަށް ގުޅައި އެހީއަށް އެދުމުން، އެ އެޖެންސީގެ ރައްކާތެރިކަމުގެ ދަށަށް ކުއްޖާ ގެންދިޔުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު