ކުރީގެ ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-
ކުރީގެ ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-
ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން ސިޔާސީ މުޒާހަރާތަކާއި އެއްވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ވަގުތުތަކުގައި އެމްއެންޑީއެފުން ފޯރުކޮށްދޭ ވީއައިޕީ ސެކިއުރިޓީ ނުދޭގޮތަށް އުސޫލު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، 'އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު' އިސްލާހުކުރުމަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީގައި ތިއްބެވި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ ތިން މެންބަރެކެވެ. އެއީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ އާއި، މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އިއްޔެގެ ކޮމިޓީ ބައްދަލުވުން ފެށުމާއެކު ސިއްރުކޮށްފައިވާތީ، މި އުސޫލަށް ކުއްލި ބަދަލެއް ގެންނަން ނިންމި ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީއަށް ބަދަލު ގެންނަން މި ނިންމީ، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން ގުޅިވަޑައިގެން މަސައްކަތްތަކެއް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު