ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފައިނޭންސިން ޚިދުމަތަށް އެ ބޭންކުން ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އަވަސް އަދި ފަސޭހަ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ބޭންކުން ފެށި މުހިންމު މަސައްކަތެކެވެ. މި ބަދަލާއެކު، ފައިނޭންސަށް އެދި ހުށަހެޅުމުގެ މަރުހަލާ ކުރުވެ، ގިނަވެގެން 5 ދުވަސް ތެރޭގައި ފައިސާ ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ވިޔަފާރިތަކުން ކާޑު މެޝިން މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަށް ބަލައި، 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރަން ވަނީ ނިންމާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މިއީ ދިވެހި ވިޔަފާރިތަކުގެ މާލީ ދާއިރާ ވަރުގަދަކޮށް، ކުރިއެރުވުމަށް ބޭންކުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ފައިނޭންސިން އަށް އެދޭ ޕްރޮސެސް ލުއިކޮށްދީ، މީގެ ދާއިރާ ފުޅާކުރުން. މީގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ފަސޭހައިން ލިބި، ވިޔަފާރި އިތުރަށް ފުޅާކުރަން މަގުފަހިވާނެ،" ޝަރީފް ވިދާޅުވިއެވެ.

ފައިނޭންސިން ލިބޭނެ ޝަރުތުތަކާއި އަނބުރާ ދެއްކުން

މި ޚިދުމަތަށް އެދި ހުށަހެޅޭނީ އަންނަނިވި ޝަރުތުތައް ހަމަވާ ވިޔަފާރިތަކަށެވެ:

މާޗަންޓް މުއްދަތު: ބީއެމްއެލްގެ މާޗަންޓް ޚިދުމަތް (ކާޑު މެޝިން) ބޭނުންކުރާތާ މަދުވެގެން 6 މަސް ދުވަސް ވެފައިވުން.

މަހު ސޭލްސް: ކާޑު މެދުވެރިކޮށް މަހަކު އެވްރެޖްކޮށް މަދުވެގެން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައިވުން.

ކްރެޑިޓް ހިސްޓްރީ: އެއްވެސް މާލީ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮވެގެން ނުވުން.

މި ފައިނޭންސް އަނބުރާ ދެއްކުމުގައި ވެސް ބޭންކުން ވަނީ ވަރަށް ބޮޑު ލުޔެއް ދީފައެވެ. އެގޮތުން، ކޮންމެ ދުވަހަކު ވިޔަފާރިއަށް ލިބޭ ކާޑު ސޭލްސްގެ ތެރެއިން، ފައިނޭންސަށް ކަނޑައެޅިފައިވާ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ކޮންމެ މަހަކު އެއްފަހަރާ ބޮޑު ހޭދައެއް ކުރަންޖެހުމުގެ ބަދަލުގައި، ދުވަހުން ދުވަހަށް ފައިސާ ދައްކާ ނިންމާލެވޭނެއެވެ.

ލުއިފަސޭހަކަމާއެކު މި ޚިދުމަތަށް އެދި ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ. ބޭންކުން ގެނައި މި ބަދަލަކީ ވިޔަފާރިތަކުގެ ދުވަހުން ދުވަހުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ (ކޭސް ފުލޯ) ހަމަޖައްސައިދީ، ދިގު މުއްދަތަކަށް ވިޔަފާރި އާ ހިސާބަކަށް ގެންދިއުމަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ.

އެޑްވާންސް މާޗަންޓް ސެޓްލްމެންޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް: https://www.bankofmaldives.com.mv/business-and-sme/bml-business-financing/advance-merchant-settlement



ކިޔުންތެރިންގެ ހިޔާލު