ބްރެޒިލްގެ ފުޓްބޯޅަ ތާރީޚު ދުށް އެންމެ ހުނަރުވެރި އެއް ތަރި، ނޭމާ ޖޫނިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ނޭމާ މި ނިންމުން ނިންމީ، މިފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭ އަތުން 2-1 އިން ބްރެޒިލް ބަލިވި މެޗަށްފަހުއެވެ.

މި ހިތްދަތި ނިމުން އައީ މީގެ 14 އަހަރު ކުރިން ނޭމާގެ ބައިނަލްއަގުވާމީ ފުޓްބޯޅަ ކެރިއަރުވެސް ފެށުނު މަޝްހޫރު "މެޓްލައިފް ސްޓޭޑިއަމް" ގައެވެ. ކެރިއަރު ފެށި ދަނޑުގައި ކެރިއަރު ނިންމާލަން ޖެހުމުން، މެޗަށްފަހު ނޭމާއަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އޭނާ ވަނީ ދަނޑުމަތީގައި ހުރެ ރޮމުން، އިޝާރާތުން ސަޕޯޓަރުންނަށް އަލްވަދާއު ކިޔާފައެވެ.

އެއަށްފަހު "ގްލޯބޯ އެސްޕޯޓޭ" ޓީވީއަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ، ގައުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި، ފެށި ދަނޑުން ކެރިއަރު ނިންމާލަން ޖެހުމުން އަސަރުކުރާ ކަމަށެވެ. އަދި އޭނާގެ ބައިނަލްއަގުވާމީ ސަފުހާ މިހާރު މިއޮތީ އެއްކޮށް ނިމިފައި ކަމަށްވެސް ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި ނޭމާ ފެނުނީ މީގެ ކުރީގެ ވޯލްޑް ކަޕްތަކާ މާ ބޮޑަށްވެސް ތަފާތުކޮށެވެ. މުޅި މުބާރާތުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާއަށް ކުޅެން ލިބުނީ އެންމެ ދެ މެޗެވެ. ފުރަތަމަ މެޗަކީ ގްރޫޕް ސްޓޭޖުގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފެވެ. ނަމަވެސް، ކެރިއަރުގެ އެންމެ ފަހު ސިކުންތުގައިވެސް އޭނާ ވަނީ އޭނާގެ ކްލާސް ދައްކާލާފައެވެ. އެގޮތުން ނޯވޭ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ބްރެޒިލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ނޭމާއެވެ.

މިއީ ބްރެޒިލް ސަޕޯޓަރުންނަށް ހިތްދަތި ވަގުތުކޮޅަކަށް ވިޔަސް، ނޭމާ ގައުމީ ޓީމުން ވަކިވެގެންދަނީ ބްރެޒިލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފާއެކުގައެވެ. 2010 ވަނަ އަހަރުން ފެށިގެން ރީނދޫ ޖާޒީގައި އޭނާ ވަނީ ޖުމްލަ 129 މެޗުން 80 ލަނޑު ޖަހައި، 4 ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ.

ނޭމާގެ ކެރިއަރުގެ ރަންގަނޑުތަކުގެ ތެރޭގައި 2013 ގެ ކޮންފެޑަރޭޝަންސް ކަޕް ކާމިޔާބުކުރުމާއި، 2012 ގެ ލަންޑަން އޮލިމްޕިކްސްގެ ރިހި މެޑެލްގެ އިތުރުން، 2016 ވަނަ އަހަރު ރިއޯގައި ބޭއްވި އޮލިމްޕިކްސްއިން ބްރެޒިލަށް ފުރަތަމަ ފަހަރަށް ތާރީޚީ ރަން މެޑެލް ހޯދައިދިނުމުގައި ބޭއްވި އިސް ދައުރު ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު