އިންޑިޔާގައި ދެ ފިރިހެނަކު ވެގެން 6 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ދިރިހުއްޓާ އަންދާލައިފިއެވެ.

އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުން، އިންޑިޔާގެ ޕަންޖާބުގެ އަވަށެއް ކަމަށްވާ ޓަންޑާ ގައި ހިނގާދިޔާ މިހާދިސާ އާއި ގުޅިގެން 2 ފިރިހެނަކު ވަނީ ރޭޕް ކުރުމާއި މީހަކު މަރާލުމުގެ ކުށުގައި ހައްޔަރުކޮށްފައެވެ. މިގޮތުން ހައްޔަރުކޮށްފައިވަނީ އުއްތަރު ޕްރަދޭޝްގެ އަވަށެއް ކަމަށްވާ ޖަލާލްޕޫރް އަށް ނިސްބަތްވާ، ސުރްޕްރީތު ސިންގ ކިޔާ މީހަކާއި، އޭނާގެ ކާފަ ސުރްޖިތު ސިންގއެވެ.

މިކަމާ ގުޅޭގޮތުން މީޑިޔާ އާއި ވާހަކަ ދައްކަމުން، ތުއްތު ކުއްޖާގެ ބައްޕަ ބުނީ މިކަމުގައި ބައިވެރިވި ސުރްޕްރީތު ސިންގ އަކީ އޭނާގެ ދަރިފުޅަށް ބިސްކޯދު ދީގެން ހައްދައިލައިގެން ގެންގޮސް އަނިޔާކޮށް މަރައިލި މީހާ ކަމަށެވެ.

އަންދާލާފައިވާ ތުއްތު ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ސުރްޖިތު ސިންގގެ ގެއިން ކަމަށްވެސް އަވަށުގެ އިދާރީ އޮފީހުން ހާމަކޮށްފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން ޕަންޖާބު ސްޓޭޓްގެ ޗެއަރޕަރސަން ވަނީ މިމައްސަލަ ބެލުމަށް ކޮމިޝަނެއް އުފައްދައިފައެވެ. އަދި މިހާދިސާ އާއި ގުޅިގެން ހަރުކަށި ފިޔަވަޅުއެޅުމަށް، އެކޮމިޝަނުން ވަނީ މައްސަލަ ބަލަމުންދާ ފުލުހުންނަށް ގޮވާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން