ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި މިރޭ އާޖެންޓީނާ އިން ފަހަތުން އަރައި، 3-2 އިން މިސްރު ބަލިކުރި މެޗުގައި ފެނިގެންދިޔައީ ވަރަށް ނާއިންސާފު ކަންތައްތަކެއް ކަމަށާއި ހަގީގަތަކީ ފީފާ އިން ބޭނުންވަނީ އާޖެންޓީނާ އަށް މުބާރާތުގެ ތަށި ދޭން ކަމަށް މިސްރުގެ ކޯޗު، ހޮސާމް ހަސަން ބުނެފި އެވެ.

ގަދަ 16 ގެ މި ފޯރިގަދަ މެޗުގެ ދެވަނަ ހާފުގެ ފަހުބަޔާ ހަމައަށް ދިޔައިރުވެސް މިސްރުން އޮތީ 2-0 ގެ މޮޅު ލީޑެއްގައެވެ. ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ނޭވާ ހިފަހައްޓާލަންޖެހުނު ފަދަ ކުޅުމަކާއެކު ފަހަތުން އަރައި ތިން ލަނޑު ޖަހައި، 92 ވަނަ މިނެޓުގައި 3-2 އިން މެޗު ކާމިޔާބުކުރިއެވެ.

އާޖެންޓީނާ އަތުން ބަލިވެ މިޞްރު މުބާރާތުން ވަކިވާންޖެހުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހޮސާމް ހަސަން ބުނީ، މެޗުގައި އެއްވެސް ވަރަކަށް އިންސާފުވެރިކަމެއް ފެނިގެން ގޮސްފައި ނުވާ ކަމަށެވެ. އަދި މިޞްރަށް ލިބެންޖެހޭ ސާފު ޕެނަލްޓީއެއް ރެފްރީ ދެކޮޅު ހެދިއިރު، ޕެނަލްޓީއެއް ދޭންޖެހޭ ފަދަ ދެވަނަ ހާދިސާއެއް ވީއޭއާރް އިން ބަލައިލާންވެސް ބޭނުންނުވި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން މިޞްރުން ޖެހި ދެވަނަ ލަނޑުވެސް ބޭނުމެއްނެތް ގޮތަކަށް ކެންސަލް ކޮށްލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

"ދުނިޔެއަކީ ބޭއިންސާފު ތަނެއްކަން އެނގޭ، އެކަމަކު ކުޅިވަރުގައިވެސް އިންސާފުވެރިކަން ނެތީ ކީއްވެ؟މި މެޗު ދިޔަ ގޮތާއި ނުކުތް ނަތީޖާ އަހަރެން ދުވަހަކުވެސް ގަބޫލެއް ނުކުރާނަން. އާޖެންޓީނާގެ ކުޅުންތެރިން ރެފްރީއަށް ނުފޫޒު ފޯރުވިކަން ވަރަށް ސާފު."ހިތްހަމަނުޖެހުން ފާޅުކުރަމުން އޭނާ ބުންޏެވެ.

ރެފްރީގެ ނިންމުންތަކާ މެދު ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައި ހުރި ކޯޗު އިތުރަށް ބުނީ، ރެފްރީ ބޭއިންސާފުން ކަންތައް ކުރުމުގެ ސަބަބުން ގެއްލިގެންދިޔައީ މުޅި މިޞްރުގެ ރައްޔިތުން ކުރި އުންމީދާއި ބުރަ މަސައްކަތް ކަމަށެވެ. އަދި މިހާރު ކަންތައްވަމުންދާ ގޮތުން، މުޅި މުބާރާތުގެ ތަށި ދޭން އުޅެނީ އާޖެންޓީނާއަށް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

ރޭގެ މެޗުގެ 15 ވަނަ މިނެޓުގައި ޑިފެންޑަރު ޔާސިރު އިބްރާހިމް ބޮލުން ޖެހި ލަނޑުން މިސްރުން ލީޑު ނެގިއެވެ. އަދި 67 ވަނަ މިނެޓުގައި ހަލުވި ކައުންޓަރ އެޓޭކެއްގައި މުސްތަފާ ޒީކޯ ލަނޑެއް ޖަހައި، މިސްރަށް 2-0 ގެ އުންމީދީ ލީޑެއް ހޯދައިދިނެވެ.

އާޖެންޓީނާ ސަލާމަތްކޮށްދިނުމުގައި އިސްކޮށް ހުރީ ކެޕްޓަން ލިއޮނަލް މެސީއެވެ. 79 ވަނަ މިނެޓުގައި މެސީ ނަގައިދިން ހުރަހަކުން ކްރިސްޓިއަން ރޮމޭރޯ ފުރަތަމަ ލަނޑު ޖެހިއިރު، 83 ވަނަ މިނެޓުގައި މެސީ ވަނީ ހިތްގައިމު ވޮލީއަކުން ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.

މިސްރުގެ ކުޅުންތެރިން ވަރުބަލިވެފައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި (90+2') އެންޒޯ ފެނާންޑޭޒް ބޮލުން ވައްދާލި ލަނޑާއެކު އާޖެންޓީނާ މެޗުން މޮޅުވިއެވެ.

މި ހިތްދަތި ނަތީޖާއާއެކު މިސްރު މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެ ޤައުމުން އެންމެ ދުރަށް ދިޔަ، އެންމެ ކާމިޔާބު މުބާރާތެވެ.



ކިޔުންތެރިންގެ ހިޔާލު