ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރަމުންދަނީ، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އަމާޒުކޮށްގެން ސިޔާސީ ބޭނުމަށް ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވަނީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ މަސައްކަތް ކުރިއަށްދަނީ އެއްވެސް ހާމަކަމެއް ނެތި، ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށެވެ.

ޚާއްޞަގޮތެއްގައި، ވަޒީފާއިން ވަކިކުރާ މީހުންގެ ތެރޭގައި ގިނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހުންނާއި، އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ފަރާތްތައްކަން ފާހަގަކުރައްވައި، މިއީ އިއްތިފާގެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ގަރާރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މުވައްޒަފުން ވަކިކުރަމުންދަނީ ވަޒީފާއާ ބެހޭ ގާނޫނާއި ކުންފުނިތަކުގެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށެވެ. އަދި ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި، އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން، މެދުފަންތީގެ އާމްދަނީއަށް ބަރޯސާވާ އެތައް އާއިލާއެއް ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓެމުންދާ ކަމުގެ ކަންބޮޑުވުން މައުރޫފް ފާޅުކުރެއްވިއެވެ.

ސަރުކާރުން މިކަންކަން ދޮގުކުރަމުންދާ ދިއުމަށް ރައްދު ދެއްވަމުން މައުރޫފް ވިދާޅުވީ، ވަޒީފާއިން ވަކިކުރަނީ "ވައްކަންކުރާ މީހުންނާއި މުދަލަށް ގެއްލުންދޭ މީހުން" ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަމުންދާ ކަމަށެވެ. މިއީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭނެ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދާ ޚިލާފުވުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ގަރާރުގައި ގާނޫނުއަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ހަމަހަމަކަމުގެ ހައްގާއި، ވަޒީފާ އަދާކުރުމުގެ ހައްގުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށް، މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރަން ފުރުސަތު ދިނުމެއް ނެތި ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މި މައްސަލައިގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުސްކޮށް، ސަރުކާރުގެ މި އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު