އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު، އާޔަތުالله އަލީ ޙާމަނާއީ
އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު، އާޔަތުالله އަލީ ޙާމަނާއީ
އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް ރާއްޖެއިން އެކަށީގެންވާ ފެންވަރެއްގެ ވަފުދެއް ފޮނުވުމަށް ނުކުޅެދި، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފޭލްވެފައިވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އެކަމުގެ ދިފާއުގައި ސަރުކާރުން ބަހަނާ ދައްކައި ބަޔާނެއް ނެރެފިއެވެ.

ޖުލައި މަހުގެ 3 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖެ ތަމްސީލުކޮށް ބައިވެރިވުމަށް، ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަލްފާޟިލް އަޙްމަދު ސަރީރު ފޮނުއްވަން ނިންމި ނަމަވެސް، އެކަން ކާމިޔާބު ނުވުމަކީ ސަރުކާރުގެ ޚާރިޖީ ދާއިރާގެ ބަލިކަށިކަން ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިކަމާ ގުޅިގެން ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަފީރު ފުރާވަޑައިގަތުމަށް ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ވަނިކޮށް، އީރާނުގެ ޕްރޮޓޮކޯލް އިންތިޒާމުތަކަށް ގެނައި ކުއްލި ބަދަލުތަކަކާ ގުޅިގެން ސަފީރުންގެ ފެންވަރުގައި ބައިވެރިވެވޭ ގޮތް ނުވީ ކަމަށެވެ. އަދި އޭގެ ފަހުން ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅަކު ފޮނުވަން މަސައްކަތް ކުރި ނަމަވެސް، ފްލައިޓް ޝެޑިއުލްތައް ހުރި ގޮތުން އެކަން ވެސް ކާމިޔާބު ނުވީ ކަމަށް ބުނެ ސަރުކާރުން ވަނީ އިހުމާލު ފޮރުވަން މަސައްކަތް ކޮށްފައެވެ.

މި މައްސަލާގައި ސަރުކާރުން ހަމައެކަނި ޚާރިޖީ ވަޒީރުގެ ފެންވަރުގައި ތައުޒިޔާގެ މެސެޖެއް ފޮނުވައި ނިންމާލާފައިވާއިރު، އީރާނާއެކު އޮތް ގުޅުން ދެމެހެއްޓުމުގައި ސަރުކާރުން ގެންގުޅޭ ފަރުވާކުޑަ ސިޔާސަތުގެ ސަބަބުން، މިފަދަ ހިތާމަވެރި ވަގުތެއްގައި ވެސް ރާއްޖޭގެ ބައިވެރިވުން ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި، ތަޖިކިސްތާނުގެ ރައީސް އިމޯމާލީ ރަހްމާނާއި، އަރްމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔާންގެ އިތުރުން ޖޯޖިއާގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ތުރުކީގެ ނައިބު ރައީސް، ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން އަދި ކުރީގެ ރައީސް މެޑްވެޑޭވް، އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރާއި ނައިބު ބޮޑުވަޒީރު، އަދި ބަންގްލަދޭޝްގެ މަޖިލީހުގެ ރައީސް ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އިންޑިއާއިން ވެސް ޑެޕިއުޓީ ފޮރިން މިނިސްޓަރާއި ސްޓޭޓް ގަވަރުނަރެއް ހިމެނޭ ވަރުގަދަ ވަފުދެއް ވަނީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު