ހައިކޯޓު-
ހައިކޯޓު-
ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށްލުމަށް ދަށު ކޯޓުން އިއްވި ހުކުމް ހައި ކޯޓުން މިއަދު ތާއިދުކޮށް ދަމަހައްޓައިފިއެވެ.

މި މައްސަލައަކީ އަމިއްލަ އަނބިމީހާގެ އުމުރުން އެންމެ 8 އަހަރުގެ ކޮއްކޮއަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާއެކެވެ. ދައުލަތުގެ

ދައުވާގައި ބުނެފައިވަނީ، އެ މީހާ ވަނީ އެކި ފަހަރު މަތިން އެ ކުއްޖާއަށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ދައްކައި، ޖިންސީ ނިޔަތެއް އޮވެގެން ކުއްޖާގެ ހަށިގަނޑުގައި އަތްލައި ޖިންސީ ގޯނާކޮށްފައެވެ.

މި މައްސަލަ ދަށު ކޯޓުގައި ބެލުމަށްފަހު، އެ މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 18 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް، އެ ހުކުމް ބަލައިގަންނަން އިއުތިރާޒުކޮށް، އެ މީހާގެ ފަރާތުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އިސްތިއުނާފީ މަރުހަލާގައި އޭނާގެ ފަރާތުން ބުނެފައިވަނީ، މިއީ އޭނާގެ އަނބިމީހާ އޭނާއާ މެދު އޮތް ޒާތީ ރުޅިވެރިކަމެއްގެ ސަބަބުން ކުއްޖާ ލައްވައި ދައްކުވާފައިވާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ކުއްޖާއަކީ ވާހަކަ ލިޔާ ކުއްޖަކަށް ވާތީ، މިއީ ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް އޭނާ ތުހުމަތު ކުރިއެވެ. ނަމަވެސް، މި ވާހަކަތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އޭނާގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައެއް ނުވެއެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ، ދައުވާ ލިބޭ މީހާ ދައްކާ ވާހަކަތަކަކީ ބުއްދި ގަބޫލުކުރެވޭ ފަދަ ވާހަކަތަކެއް ނޫން ކަމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށެވެ. އަދި ހެކި ނެތި ކުރާ މިފަދަ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ދަށު ކޯޓުގެ ހުކުމް ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކުއްޖާގެ ހެކިބަސް ނެގުމުގައި ގާނޫނީ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް އޭނާ ބުނި ނަމަވެސް، ހައި ކޯޓުން ނިންމީ އެއީ މިހާރު ދެއްކޭނެ ވާހަކައެއް ނޫން ކަމަށެވެ. ސަބަބަކީ، ދަށު ކޯޓުގައި ކުއްޖާގެ ހެކިބަސް ނެގި އިރު އެކަމަށް އޭނާގެ ފަރާތުން އެއްވެސް އިއުތިރާޒެއް ފާޅުކޮށްފައި ނުވާތީއެވެ. އެހެންކަމުން، އިސްތިއުނާފީ މަރުހަލާގައި އަލަށް އެފަދަ ނުކުތާއެއް ބަލައިނުގަނެވޭނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

މި ނިންމުމާއެކު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މި މީހާ ތަންފީޒު ކުރަންޖެހޭ 18 އަހަރުގެ ޖަލު ހުކުމަށް އެއްވެސް ބަދަލެއް ނައިސް، ދަށު ކޯޓުގެ ހުކުމް ވަނީ ސާބިތުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު