ބެންޖަމިން ނަތަންޔާހޫ
ބެންޖަމިން ނަތަންޔާހޫ
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރާ އެއްވެސް މަސައްކަތަކަށް ފުރުސަތު ނުދޭނެ ކަމަށާއި، އެއްވެސް އެއްބަސްވުމެއް އޮތް ކަމުގައި ވިޔަސް އެކަން ހުއްޓުވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ މިހެން ބުނީ، އިޒްރޭލުގެ ހަޓްޒެރިމް އެއާ ފޯސް ބޭހުގައި ބޭއްވި، އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) ގެ 192 ވަނަ ޕައިލެޓް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ފާހަގަކުރި ގޮތުގައި، ފާއިތުވި އަހަރުގެ ތެރޭގައި މެދުއިރުމަތީގެ މަސްރަހަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގި އަސްކަރީ އޮޕަރޭޝަންތަކަކީ ވަރަށް ކާމިޔާބު ހަރަކާތްތަކެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

އިޒްރޭލުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެއްވެސް ފަސްޖެހުމެއް ނެތްކަން ހާމަކުރަމުން އޭނާ ބުނީ، އެ ފިޔަވަޅުތައް ނޭޅުނުނަމަ އީރާނުން މިހާރު ނިއުކްލިއާ ހަތިޔާރު ހޯދާފައިވާނެ ކަމަށެވެ.

މީގެ އިތުރުން، އީރާނުގެ ވެރިކަމުގެ ނިޒާމަށް މިހާރު ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށް ނަތަންޔާހޫ ބުންޏެވެ. އީރާނުން ނިއުކްލިއާ ބާރަކަށް ވިޔަ ނުދިނުމަކީ އިޒްރޭލުގެ ހަރުދަނާ ސިޔާސަތެއް ކަމަށާއި، އެކަމުގައި އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.

އިޒްރޭލުގެ ސަލާމަތީ އަދި ސިޔާސީ ދާއިރާގެ އިސްވެރިން ބައިވެރިވި މި ރަސްމިއްޔާތަކީ، ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ އަސްކަރީ ގާބިލުކަން ދައްކާލުމަށް ބޭއްވި މުހިންމު ހަރަކާތެއްގެ ގޮތުގައި ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު