ބަންގްލަދޭޝްގެ މޫސުން ގޯސްވުން
ބަންގްލަދޭޝްގެ މޫސުން ގޯސްވުން
ބަންގްލަދޭޝްގެ އިރުދެކުނު ސަރަހައްދުތަކަށް ކުރިމަތިވި މޫސުމީ ބޯވިއްސާރައާ ގުޅިގެން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން، މިހާތަނަށް 44 މީހުން މަރުވެ، އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ގުދުރަތީ ކާރިސާގެ ސަބަބުން 267,000 އަށްވުރެ ގިނަ އާއިލާ ވަނީ އެކި ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހި، ހާލުގައި ޖެހިފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހުމަނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.



ފާއިތުވި ހަފުތާގައި މެދުކެނޑުމެއްނެތި ކުރި ވިއްސާރައިގައި، ބަންގްލަދޭޝްގެ ސަންގޫ، ކޯވައި، މަނޫ އަދި ކުޝިޔާރާ ފަދަ ބޮޑެތި ކޯރުތައް ބަނޑުންޖަހާލައި، ގިނަ އަވަށްތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. މީގެ ސަބަބުން މަގުތަކަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުވާސަލާތީ ޚިދުމަތްތަކާއި ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންދަރުބަންގެ އިތުރުން ރޮހިންޔާ ރެފިއުޖީ ކޭމްޕްތަކަށެވެ.

މެދުކެނޑުމެއްނެތި ކުރި ވިއްސާރައިގައި، ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ވެސް ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުން މުޅިންހެން ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ އާއިލާތަކަކަށް ސާފު ބޯފެނާއި ކާބޯތަކެތި ހޯދުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓްރީން ވަނީ ކުރިއަށް އޮތް 24 ގަޑިއިރާއި 72 ގަޑިއިރުގެ ތެރޭގައި އިތުރު ސަރަހައްދުތަކަށް ފެންބޮޑުވުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު ނެރެފައެވެ. މިހާރު އެ ގައުމުގެ އަސްކަރިއްޔާއާއި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ދަނީ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށާއި، ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް