ފަހަކަށް އައިސް މުޅި ދުނިޔޭގައިވެސް ފިރިހެނުންގެ ދަރިން ލިބުމުގެ ގާބިލުކަން ދަށްވަމުންދާކަމީ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތަކަށް އައިސްފައިވާ ބަދަލުތަކެވެ. ކެއިންބުއިމާއި، މަސައްކަތުގެ މާހައުލާއި، އަދި އާންމު ދިރިއުޅުމުގައި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ދަރިން ލިބުމުގެ ފުރުސަތު ހަނިވެގެންދެއެވެ.

ދަރިން ލިބުމުގެ ގާބިލުކަން ދަށްވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި ކާނާގެ ނުރަނގަޅު އާދަތަކެވެ. އާދަޔާ ހިލަފަށް ފަލަވުމަކީ ހަށިގަނޑުގެ ހޯރމޯންތަކަށް ބަދަލު އަންނަ ކަމެކެވެ. ވަކިން ހާއްސަކޮށް، ޕްރޮސެސްކޮށްފައިވާ ކާނާއާއި، ހަކުރު ގިނަ ބުއިންތައް ބޭނުންކުރުމަކީ ސްޕާމްގެ ފެންވަރު ދަށްކޮށްދޭ ކަމެކެވެ. އެހެންކަމުން، މޭވާއާއި ތަރުކާރީ ހިމެނޭ ފައިދާހުރި ކާނާ ބޭނުންކުރުމަކީ މިކަމަށް އޮތް މުހިންމު ހައްލެކެވެ.

ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމަކީ ދަރިން ލިބުމުގެ ގާބިލުކަމަށް ހުރި ބޮޑު ނުރައްކަލެކެވެ. ދުންފަތުގައި ހިމެނޭ ވިހަ މާއްދާތަކުގެ ސަބަބުން ސްޕާމްގެ ސިއްހަތު ގެއްލި، އޭގެ ދިރުން ކުޑަކޮށްދެއެވެ. މީގެ އިތުރުން، އާންމު ދިރިއުޅުމުގައި ކުރިމަތިވާ ނަފްސާނީ ބުރަ ނުވަތަ ސްޓްރެސް އަކީވެސް ފިރިހެނުންގެ ދަރިން ލިބުމާ ގުޅޭ ހޯރމޯންތަކަށް ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު އުފެދިފައިވާ ބައެއް އާދަތަކަށް ބަލާއިރު، ގިނަވަގުތު ލެޕްޓޮޕް ފައިމަތީގައި ބަހައްޓައިގެން މަސައްކަތް ކުރުމާއި، ފޯނު ޖީބަށް ލައިގެން އުޅުމަކީ ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ހޫނުމިން މަތިކޮށްދޭ ކަންކަމެވެ. ސްޕާމް އުފެދުމަށްޓަކައި ހަށިގަނޑުގެ އާންމު ހޫނުމިނަށްވުރެ ކުޑަ ތަންކޮޅެއް ދަށް ހޫނުމިނެއް ބޭނުންވާއިރު، އިރުއިރުކޮޅާ ހޫނު ފެނުން ފެންވެރުމާއި، ބާރު ފިިތިފައި ހުންނަ ފޭރާން ލުމަކީވެސް މި މައްސަލަ ދިމާވާން މެދުވެރިވާ ސަބަބުތަކެކެވެ.

މި މައްސަލަތަކުން ސަލާމަތްވުމަށްޓަކައި، ގަވާއިދުން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީ، އެކަށީގެންވާ މިންވަރަށް ނިދި ހޯދުމަކީ ދަރިން ލިބުމުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. އާދަކާދަތަކަށް ގެނެވޭ ކުޑަ ބަދަލަކުންވެސް މުސްތަގުބަލުގައި ކުރިމަތިވެދާނެ ސިއްހީ ބޮޑެތި މައްސަލަތަކުން ރައްކާތެރިވެވިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު