ދެ ވަޒީރުންގެ ބައްދަލުކުރެއްވުން
ދެ ވަޒީރުންގެ ބައްދަލުކުރެއްވުން
އިންޑިއާ އާއެކު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ މަސްވެރިކަމުގެ ސިނާއަތަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔުޝް ގޯޔަލްއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އިންޑިއާގެ ވިއޮން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، އެ ބައްދަލުވުމަކީ ވަރަށް އުންމީދީ، ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ހަފުތާގައި ނިއުދިއްލީގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޑިޖިޓަލް އިގްތިސާދާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރި ފަހިކޮށްދިނުމާ ގުޅޭގޮތުންނެވެ. މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ.

ވަޒީރު ސައީދު ވިދާޅުވީ، މި ބައްދަލުވުންތަކުގެ ސަބަބުން ދެ ގައުމަށްމެ އަމަލީ ގޮތުން ފައިދާކުރަނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމަށް އޮތް އަޒުމް އާވެފައިވާ ކަމަށެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައިވާ 'ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ' (ބީ.އައި.ޓީ) ގެ މަޝްވަރާތައް މިހާރު ވަނީ ނިންމާލެވިފައި ކަމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފް.ޓީ.އޭ) އާ ގުޅޭ މަސައްކަތްތައް ވަނީ ހަލުވިކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ކަނޑުގެ އުފެއްދުންތަކާއި، ޑިޖިޓަލް އަދި ކްރިއޭޓިވް އިންޑަސްޓްރީގެ އުފެއްދުންތަކަށް އިންޑިއާގެ ބޮޑު ބާޒާރުން ހާއްސަ ލުއިތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ސިއްހީ އަދި ތައުލީމީ ދާއިރާއިން އިންޑިއާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުވުމަށް މަގުފަހިވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

ވަޒީރު ވަނީ، މިއީ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި، އައު ޓެކްނޮލޮޖީ ތައާރަފުކުރުމަށާއި، އިގްތިސާދު ސިންދަފާތުކުރުމަށް ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި ސިފަ ކުރަށްވާފައެވެ. އަދި މިއީ ރާއްޖޭގެ ޖީ.ޑީ.ޕީގެ 33 އިންސައްތައަކީ ޑިޖިޓަލް އިގްތިސާދު ކަމުގައި ހެއްދެވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ އެއްގޮތްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސްގެ މަރުހަލާތައް ލުއިވެ، ވިޔަފާރީގެ ހުރަސްތައް ނެތިގޮސް، ވައިގެ ދަތުރުފަތުރުގެ ގުޅުން ރަނގަޅުވުމުން ފަތުރުވެރިކަމަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

"މީގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކުރުމަށް ވެސް މަޝްވަރާކުރެވުނު. މިއީ ހަމައެކަނި ދަތުރުފަތުރުގެ ފަސޭހައެއް ނޫން، މީގެ ސަބަބުން ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ވެސް އާ ދޮރުތަކެއް ހުޅުވިގެންދާނެ. ހަމައެހެންމެ، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިތަކަކީ އިތުބާރު ހުރި، އަދި ހަލުވި ވިޔަފާރިތަކަކަށް ހެދުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތަކާ މެދު ވެސް ހިޔާލު ބަދަލުކުރެވުނު." ވަޒީރު ވިދާޅުވިއެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވުނު ބިޒްނަސް ފޯރަމްތަކުގެ ނަތީޖާ ކަމަށެވެ. އަދި ރާއްޖެއަށް ބަލާއިރު، މިއީ ހަމައެކަނި ވިޔަފާރި އިތުރުކުރުން ނޫން ކަމަށާއި، މިއީ އިގްތިސާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

"މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރަށް ދިވެހި އުފެއްދުންތަކަށް ހާއްސަ އިނާޔަތްތަކާ އެކު ވަދެވޭނެ. މީގެ ސަބަބުން މަސްވެރިކަމާއި، ކަނޑުގެ އުފެއްދުންތަކާއި، ޑިޖިޓަލް އަދި ކްރިއޭޓިވް ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ހަމައެއާއެކު، އިންވެސްޓްމަންޓް އެއްބަސްވުމުގެ ސަބަބުން އިންވެސްޓަރުންނަށް ރައްކާތެރި އަދި އިތުބާރު ހުރި މާހައުލެއް ގާއިމުވެގެންދާނެ. މީގެ ސަބަބުން ފަތުރުވެރިކަމާއި، ލޮޖިސްޓިކްސް، ސިއްހީ ދާއިރާ، ތައުލީމު އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންޑިއާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުވާނެ. މިއީ ވަޒީފާ އުފެއްދުމަށާއި، ހުނަރު ތަރައްގީކުރުމަށާއި، ރާއްޖޭގެ އިގްތިސާދު މުސްތަގުބަލަށް ތައްޔާރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް." ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު އިންޑިއާއަށް ބަލާއިރުވެސް، މިއީ އެ ގައުމުގެ އެންމެ ގާތް އެއް ބައިވެރިޔާއާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، އިންޑިއާގެ ވިޔަފާރިތަކަށް ވެސް ރާއްޖޭގައި އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށާއި، ދެ ގައުމުގެ ރައްޔިތުންނަށް ވެސް އޭގެ މަންފާ ދާއިމީ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު