އެޗްއައިވީ
އެޗްއައިވީ
ސްރީލަންކާގައި އެޗް.އައި.ވީ ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ހާމަކޮށްފިއެވެ.

މިއަދު އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒީޝަން ޑރ. ސަތްޔާ ހެރާތު ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން އެޗް.އައި.ވީ ރިޕޯޓްކުރާ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށްފަހު، މިހާރު އެ އަދަދުތައް އިތުރުވަމުންދާ ކަމަށެވެ. އަދި އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި މި ބަލި ފެންނަ މިންވަރު ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ސަތްޔާ ވިދާޅުވި ގޮތުގައި، ސްރީލަންކާގައި އެންމެ ގިނައިން މި ބަލި ފެންނަނީ ކޮލަމްބޯ އަދި ގަމްޕަހާ ސަރަހައްދުންނެވެ.

މި ބަލި ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ޑރ. ސަތްޔާ ވިދާޅުވީ، ރައްކާތެރިނޫން ގޮތުގައި ކުރެވޭ ޖިންސީ ގުޅުންތަކުގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަކު އަނެކަކުގެ ސިރިންޖާއި ކަށި ބޭނުންކުރުމަކީ ވެސް ބަލި ފެތުރުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި އެޗް.އައި.ވީ އަކީ މުޅިން ރަނގަޅު ކުރެވޭ ބައްޔެއް ނޫން ކަމަށާއި، ބަލިޖެހޭ މީހުން މުޅި އުމުރަށް ފަރުވާ ހޯދައި، ގަވާއިދުން ޑޮކްޓަރަށް ދައްކަންޖެހޭނެ ކަމަށް އޭނާ ހަނދާންކޮށްދެއްވިއެވެ.

މި ބަލި ދެނެގަތުމާއި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ ދަށުން، "ނޭޝަނަލް އެސް.ޓީ.ޑީ/އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމް" އިން މިހާރު ވަނީ ކޮލަމްބޯ އަދި ގަމްޕަހާގައި ޚާއްސަ މޮބައިލް ކްލިނިކްތަކެއް ފަށާފައެވެ. މިއަހަރުގެ ޖެނުއަރީ މަހު ފެށި މި ޕައިލެޓް ޕްރޮގްރާމްގެ ދަށުން، އެޗް.އައި.ވީ އާއި ޖިންސީ ގުޅުމުން ފެތުރޭ އެހެނިހެން ބަލިތަކާއި ހެޕަޓައިޓިސް އަށް ހިލޭ ޓެސްޓުކުރުމާއި، ކައުންސިލިންގ ދިނުމާއި ފަރުވާގެ ޚިދުމަތް ސިއްރުވެރިކަމާއެކު ފޯރުކޮށްދެމުންދެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ސްރީލަންކާގައި ބަލިޖެހޭ މިންވަރު ނިސްބަތުން ދަށްވި ނަމަވެސް، ކޮންމެ އަހަރަކު އަލަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ސިއްހީ އިދާރާތަކުން ދަނީ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު