ތަލް އަވީވުން އިޓަލީއަށް ދިޔަ އިސްރާއީލު މީހެއްގެ އަތުން އަތުލި 216 ކިލޯގެ މަސްތުވާތަކެތި
ތަލް އަވީވުން އިޓަލީއަށް ދިޔަ އިސްރާއީލު މީހެއްގެ އަތުން އަތުލި 216 ކިލޯގެ މަސްތުވާތަކެތި
އިސްރާއީލުގެ ތެލްއަވީވުން ފުރައިގެން އިޓަލީގެ ރޯމްގައި ހުންނަ ލިއޮނާޑޯ ޑާ ވިންޗީ-ފިއުމިޗީނޯ އެއާޕޯޓަށް އައި ފަސިންޖަރެއްގެ އަތުން، އިޓަލީގެ ޤާނޫނުތަކުގެ ދަށުން މަނާ މަސްތުވާއެއްޗެއްގެ ގޮތުގައި ކަނޑައަޅާފައިވާ 216 ކިލޯގެ "ކާޓް" އިޓަލީގެ ކަމާބެހޭ ފަރާތްތަކުން އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ އިޓަލީގެ ފައިނޭންޝަލް ޕޮލިސް އާއި ކަސްޓަމްސް އެންޑް މޮނޮޕޮލީސް އެޖެންސީ އިން އާންމުކޮށް ކުރިއަށްގެންދާ ފާސްކުރުމުގެ ތެރެއިންނެވެ. އޮފިޝަލުން ހާމަކުރި ގޮތުގައި، މި ފަސިންޖަރާ މެދު ޝައްކު އުފެދުނީ އިޓަލީއަށް އައި ބޭނުމާއި މަޑުކުރަން ނިންމާފައިވާ މުއްދަތާ ގުޅޭގޮތުން ދިން މަޢުލޫމާތުގައި ފުށުއެރުންތަކެއް ހުރުމުންނެވެ.

މި ޝައްކުތަކާ ގުޅިގެން އެކްސް-ރޭ މެޝިން ބޭނުންކޮށްގެން ފަސިންޖަރުގެ ފޮށިތައް ތަފްސީލީ ގޮތެއްގައި ބަލައި ފާސްކުރިއިރު، ހަތް ފޮއްޓެއްގެ ތެރޭގައި ފޮރުވާފައި ހުރި 216 ކިލޯގެ ތާޒާ ކާޓް ފަތާއި އޮފިތައް ވަނީ ފެނިފައެވެ. ކަސްޓަމްސްއިން ވަނީ ވަގުތުން މި ތަކެތި ހިފަހައްޓާފައެވެ.

ކާޓް އަކީ އިރުމަތީ އެފްރިކާގެ ބައެއް ސަރަޙައްދުތަކާއި އަރަބި ކަރައިގެ ބައެއް ޤައުމުތަކުގައި ހެދޭ ގަހެކެވެ. މީގެ ފަތުގައި "ކެތިނޯން" އަދި "ކެތިން" ކިޔާ މާއްދާތަކެއް އެކުލެވިގެންވެއެވެ. މި ފަތް ހަފާލުމުން އެމްފިޓަމިންސް ފަދަ މަސްތުގެ އަސަރުތައް ކުރެއެވެ. ޔަމަނާއި އިތިއޯޕިއާ އަދި ސޯމާލިއާ ފަދަ ބައެއް ޤައުމުތަކުގައި މިއީ ޤާނޫނީ ގޮތުން ހުއްދަ އެއްޗެއް ނަމަވެސް، އިޓަލީއާއި ވިލާތުގެ ގިނަ ޤައުމުތަކުގައި މިއީ މަނާ މަސްތުވާއެއްޗެކެވެ.

މި މައްސަލައާ ގުޅިގެން އިސްރާއީލުގެ މި މީހާ ހައްޔަރުކޮށް، ބައިނަލްއަޤުވާމީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ސިވިޓަވެކިއާގެ ޕްރޮސެކިއުޓަރީ އޮފީހަށް ވަނީ ރިޕޯޓްކޮށްފައެވެ. އިޓަލީގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ތުހުމަތުކުރެވޭ މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

މި ތަކެތި ގެންދަން އުޅުނު މަންޒިލެއް ނުވަތަ މިއީ ބޮޑު ނެޓްވޯކެއްގެ ބައެއްތޯ ބެލުމަށް ތަޙުޤީޤު ދަނީ ކުރިއަށެވެ. އަދި މިކަމުގައި އިތުރު ބަޔަކު ބައިވެރިވާކަން ނުވަތަ ނޫންކަން ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ފާއިތުވި އަހަރުތަކުގައި އިޓަލީގެ ބައިނަލްއަޤުވާމީ އެއާޕޯޓުތަކުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ޚާއްޞަކޮށް ފިއުމިޗީނޯ އެއާޕޯޓަކީ މެދުއިރުމައްޗާއި، އެފްރިކާ އަދި އޭޝިއާގެ ޤައުމުތަކުން ގިނަ އަދަދެއްގެ މީހުންނާއި މުދާ އަންނަ މައި މަރުކަޒަކަށް ވާތީ، އެ އެއާޕޯޓުގެ ސަލާމަތީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ.

މިފަހަރު އަތުލައިގަނެވުނު ތަކެތިން ދޭހަކޮށްދެނީ، ޤަވާއިދާ ޚިލާފަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށާއި، ވިލާތުގެ ސަރަޙައްދުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ނެޓްވޯކްތައް ރޫޅާލުމަށް އިޓަލީގެ ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކެވެ.



ކިޔުންތެރިންގެ ހިޔާލު