ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ވަކި ޚާއްސަ ކޮމިޝަނެއް ނުއުފައްދަވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިހެން ވިދާޅުވީ މިއަދު އެކްސް (ކުރީގެ ޓުވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަމީތުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ކާރޫބާރޫ ބޮޑުވުމުގެ މައްސަލައަށް މިހާތަނަށް ހައްލެއް ހޯދިފައި ނެތީ އެ މައްސަލަ ހައްލުކުރަން ވަކި އޮފީހެއް ނުއުފެއްދި އޮތުމުން ކަމަށް ވާނަމަ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ބޭނުންކުރައްވައިގެން ޑޮލަރުގެ މައްސަލައަށް ހައްލު ހޯދުމަށް ޚާއްސަ ކޮމިޝަނެއް އުފެއްދެވިދާނެ ކަމަށެވެ.

ރާއްޖޭގައި ޑޮލަރުގެ ތާށިކަން ބޮޑުވެ، ބޭންކުތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބުން ދަތިވުމަކީ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް އަބަދުވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. ރަސްމީކޮށް ޑޮލަރުގެ ރޭޓަކީ 15.42 ރުފިޔާ ކަމަށް ވިޔަސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 20 ރުފިޔާ އިން މަތީގައެވެ.

"މިހާރު ގައުމަށް ކުރިމަތިވެފައިވާ ޑޮލަރުގެ ބޮޑު މައްސަލައަށް ހައްލު ހޯއްދެވުމަށް ވަކި ޚާއްސަ ކޮމިޝަނެއް ނުއުފައްދަވާންވީ އެއްވެސް ސަބަބެއް ނެތް،" އަމީތު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާ ވަކީން ބައްދަލުކުރުމަށް ރައްޔިތުންނަށް މިއަދު ނަން ނޯޓު ކުރަންޖެހިފައިވަނީ، ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގިލަންވެރިކަމުގެ ވާހަކަތައް ރައީސާ ހަމައަށް ގެންދެވިފައި ނެތުމުން ކަމަށް ވާނަމަ، މި ފުރުސަތުގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އަމީތު ވިދާޅުވިއެވެ.

ޚާއްސަކޮށް، ޑޮލަރުގެ އަގު މިހާރު ހުރި މިންވަރާއި، ތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރާއި، އަދި އެނޫނަސް ރައްޔިތުންނަށް ކުރިމަތިވަމުންދާ އެތައް ގިލަންވެރިކަމަކަށް، ނަން ނޯޓު ކޮށްގެން މި ލިބޭ ފުރުސަތަށްފަހު ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަމީތު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު