ތައިލެންޑުގެ ވިސާގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވިސާއާ ނުލައި އެތެރެވޭ ގައުމުތަކުގެ މީހުންނަށް އެ ގައުމުގައި މަޑުކުރެވޭނެ މުއްދަތު 30 ދުވަހަށް ކުރުކޮށްފިއެވެ. ތައިލެންޑް ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ވިސާ އިސްތިސްނާވާ ގައުމުތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނައުމާއެކު، ކުރިން އޮތް 60 ދުވަހުގެ މުއްދަތު 30 ދުވަހަށް ކުރުކުރުމަށެވެ.

އަންގާރަ ދުވަހު ތައިލެންޑްގެ ކެބިނެޓުން މި ބަދަލު ފާސްކުރީ، 60 ދުވަހުގެ މުއްދަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބައެއް ބޭރު ގައުމުތަކުގެ މީހުން ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރުމާއި، ވިސާގެ މުއްދަތު ހަމަވުމަށްފަހު ފުރުމެއް ނެތި މަޑުކުރުމުގެ މައްސަލަތައް އިތުރުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ކުރަމުންދާކަމުގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކުން ފާޅުކުރުމަކީވެސް މި ބަދަލު ގެނައި ސަބަބެކެވެ.

ތައިލެންޑް ސަރުކާރުގެ ތަރުޖަމާނުގެ ނައިބު ޕްލޮއިތަލޭ ލަކްސަމީސެންޗަން ވިދާޅުވި ގޮތުގައި، ވިސާއާ ނުލައި އެތެރެވޭ ގައުމުތަކުގެ އަދަދު ވަނީ 93 އިން 59 އަށް މަދުކޮށްފައެވެ. ނަމަވެސް ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާ، މޯލްޓާ އަދި ދިވެހިރާއްޖެ ހިމެނޭހެން ހަ ގައުމަކަށް ވަނީ ވިސާގެ އިތުރު އިނާޔަތްތަކެއް ދީފައެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ 27 ގައުމަށްވެސް ވަނީ އެއްހަމައެއްގައި ވިސާގެ އުސޫލުތައް ހަމަޖައްސާފައެވެ.

މި ބަދަލާއެކު އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ބަޔަކީ އިންޑިއާގެ ދަތުރުވެރިންނެވެ. މީގެ ކުރިން އޮން-އެރައިވަލް ވިސާ ނަގަން ޖެހުނު ނަމަވެސް، މީގެ ފަހުން އިންޑިއާގެ ރައްޔިތުންނަށް 30 ދުވަހުގެ ވިސާ-ފްރީ އެންޓްރީ ލިބޭނެއެވެ. ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސޫރަސަކް ފަންޗަރޮއެންވޮރަކުލް ވިދާޅުވީ، މީގެ ކުރިން އިންޑިއާގެ ފަތުރުވެރިން އޮން-އެރައިވަލް ވިސާ ނަގަން ޖެހުމުން އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު %20 ދަށަށް ދިޔަ ކަމަށެވެ. އެހެންކަމުން، މިއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި އިމިގްރޭޝަން ކޮންޓްރޯލް ހަރުދަނާކުރުމާ ދެމެދު ގާއިމުކުރެވުނު މުހިންމު ބެލެންސެކެވެ.

މީގެ އިތުރުން، ސީޝެލްސް އަދި މޮރިޝަސްގެ ރައްޔިތުންނަށް 15 ދުވަހުގެ ވިސާ-ފްރީ އެންޓްރީ ދިނުމަށާއި، އަޒަރުބައިޖާން، ބެލަރޫސް އަދި ސާބިއާގެ ރައްޔިތުންނަށް އޮން-އެރައިވަލް ވިސާ ލިބޭ ގޮތަށްވެސް ވަނީ ނިންމާފައެވެ.

އާ ގަވާއިދަށް އަމަލުކުރަން ފަށާނީ "ރޯޔަލް ގެޒެޓް" ގައި ޝާއިއުކުރާ ފަހުން 15 ދުވަސް ހަމަވުމުންނެވެ. އާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ގައުމަށް އެތެރެވާ ފަރާތްތަކަށް، އެމީހުން އެތެރެވިއިރު އޮތް އުސޫލުގެ ދަށުން މުއްދަތު ހަމަވަންދެން މަޑުކުރެވޭނެއެވެ.

މި ބަދަލުތަކުގެ ތެރޭގައި "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ނިޒާމު އިތުރަށް ހަރުދަނާކުރުންވެސް ހިމެނެއެވެ. މީގެ ސަބަބުން ދަތުރުވެރިންގެ މައުލޫމާތު ބެލެހެއްޓުމަށް ފަސޭހަވެ، ގައުމީ ސަލާމަތް ރައްކާތެރިކުރުމަށާއި، އޭޝިއާގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ތައިލެންޑް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު