ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އާންމު ބަލިތަކުގެ ބޭސްތައް ބޭނުންވާ އަދަދަށް ރާއްޖޭގައި ބެހެއްޓި، ބޭހުގެ ދަތިކަމަށް ބޮޑު ބަދަލެއް (ޑިފަރެންސެއް) ގެނެވޭނެ ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (އެސްޕީއެމްއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ބޭހުގެ ދަތިކަން ހައްލުކުރެވެނީ ބޭސް ބޭނުންވާނެ މިންވަރު ދުރާލާ އަންދާޒާކުރާ ނިޒާމު (ފޯކާސްޓް) ރަނގަޅުކޮށް، ދުރާލާ ބޭހަށް އޯޑަރު ޖަހައިގެން ކަމަށެވެ.ނަމަވެސް، ކޮލިޓީ ބޭސް އޯޑަރު ޖަހައިގެން، ފެކްޓްރީތަކުން ރާއްޖެއަށް ޚާއްޞަކޮށް އުފައްދައިގެން ގެނައުމަށް 3 މަހާއި 6 މަހާ ދެމެދުގެ ލީޑް ޓައިމެއް (ނަގާ މުއްދަތެއް) ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު ހެދިފައިވާ އޯޑަރުތައް އެ މުއްދަތުގެ ތެރޭގައި ލިބެން ފެށުމުން، މަޑުމަޑުން ސިސްޓަމް ދެމެހެއްޓެނިވި ގޮތެއްގައި ހަމައަކަށް އެޅޭނެ ކަމަށް ޝާހު ވިދާޅުވިއެވެ. ވަގުތީ ހައްލެއްގެ ގޮތުން މިހާރުވެސް މަދު ކުއަންޓިޓީތަކުން ނަމަވެސް ބޭސް ގެނެސް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ޝާހު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މި ކުރިއަށް އޮތް 6 މަސްތެރޭގައި އަޅުގަނޑުމެންނަށް ހަމަ ޑިފަރެންސެއް މޭކް ކުރެވޭނެ. ޑިފަރެންސެއް މޭކް ކުރެވޭ މި ދަންނަވަނީ ބޭނުންވާ އާންމު ބަލިތަކުގެ ބޭސްތައް ހަމަ ބޭނުންވާ އަދަދަށް ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަށް ބެހެއްޓޭނެ." ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.

ފުރަތަމަ އަމާޒަކީ އެސެންޝަލް ލިސްޓުގެ 1200 ބޭސް ހަމަކުރުން

މީގެ އިތުރުން ޑރ. ޝާހު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި 5،000 އަށްވުރެ ގިނަ ބޭސް އެބަހުއްޓެވެ. ނަމަވެސް އޭގެ ތެރޭގައި ދުވަހަކުވެސް ރާއްޖެއަށް އެތެރެނުކުރާ ބޭސްތަކާއި މިހާރު ބޭނުންތެރިނޫން ބޭސްތައްވެސް ހިމެނޭކަމަށް ޑރ.ޝާހު ވިދާޅުވިއެވެ.

އެހެންކަމުން ކުންފުނީގެ ފުރަތަމަ އަމާޒަކީ ކޮންމެހެން ބޭނުންވާ އަސާސީ ބޭސްތައް ހިމެނޭ "އެސެންޝަލް ލިސްޓު" ގައި ހިމެނޭ ގާތްގަނޑަކަށް 1،200 އެއްހާ ބޭސް ރާއްޖެއިން ހުސްނުވެ ލިބޭނެ ގޮތް ހެދުން ކަމަށް ޝާހު ވިދާޅުވިއެވެ. އޭގެ ފަހުން، ޑޮކްޓަރުން އާންމުކޮށް ޕްރިސްކްރައިބް ކުރާ ބޭސްތަކަށް ބަލައި، އެޕްރޫވްޑް ލިސްޓުގެ އެހެން ބޭސްތައްވެސް ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިކަމަކީ މިނިސްޓްރީ އޮފް ހެލްތާއި، އެކި ސްޕެޝަލިޓީތަކުގެ ޑޮކްޓަރުންނާ ގުޅިގެން ކުރަންޖެހޭ ވަރަށް ޓެކްނިކަލް މަސައްކަތެއްކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ބޭސް ބޭނުންކުރާނެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ "ޓްރީޓްމަންޓް ގައިޑްލައިންތައް" އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ހެލްތު މިނިސްޓްރީން ކުރަމުންދާ ކަމަށް ޝާހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު