ސަފީރު އަޙްމަދު ސަރީރު
ސަފީރު އަޙްމަދު ސަރީރު
މިސުރުގެ ވެރިރަށް ކައިރޯގައި މިއަދު ބޭއްވުނު "2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، އެ ޤައުމުގެ ބިންތައް އިސްރާއީލުން ހިފައިގެން ކުރަމުންދާ އަނިޔާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފައެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއި އދ. ގެ ކޮމިޓީއެއް ގުޅިގެން ބޭއްވި މި ކޮންފަރެންސްގައި، އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު އަދި ސަޢޫދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެން ދެއްވި ތަޤްރީރުގައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ޚިލާފަށް އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.

އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި 'އަންރުވާއިން ކުރަމުންދާ މަސައްކަތްތަކަށް ތާރީފުކޮށް، އެ އެޖެންސީއަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް މުޅި ދުނިޔެއަށް ވަނީ ގޮވާލައިފައެވެ.

ފަލަސްޠީނުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާކަން ފާހަގަކުރަމުން، މި ކޮންފަރެންސްތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެއްކަން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު