ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އަމްޖަދު މުސްތަފާ އައްޔަނުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އަމްޖަދު މުސްތަފާ އައްޔަނުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް މ. ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް އަމްޖަދު ޢައްޔަންކުރެއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައި ކުރެއްވުމަށްފަހު، މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އޭނާއާ ޙަވާލުކުރައްވާފައެވެ.

އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަކީ ޤާނޫނީ ދާއިރާއިންނާއި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޝަރީޢާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

މީގެ ކުރިންވެސް ވަޒީފާއާބެހޭ ދާއިރާގެ މުހިންމު މަޤާމުތަކެއް އަމްޖަދު ވަނީ ފުރުއްވާފައެވެ. އެގޮތުން 2020 ވަނަ އަހަރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރެއްވުމުގެ އިތުރުން، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް އޭނާ ކުރައްވާފައިވެއެވެ.

ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް އަމްޖަދު ޢައްޔަންކުރެއްވީ، އެ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ވަޒީފާއާބެހޭ މައްސަލަތައް އަވަހަށް ނިންމުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު