ސަރުކާރުގެ ކުންފުނިތަކުން (އެސްއޯއީ) ގިނަ އަދަދެއްގެ މުވައްޒަފުން އެއްފަހަރާ ވަކިކުރަން އަންގަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަޙީދު ވައްޑޭ ކުރެއްވި އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ދެ ކާރިސާ ކަމަށްވާ ސުނާމީ ކާރިސާގައާއި، ކޮވިޑް-19 ގެ އާލަމީ ވަބާގައި ބޯޑަރު ބަންދުކޮށްގެން ތިބި އުނދަގޫ ދަނޑިވަޅުގައިވެސް މުވައްޒަފުން ވަޒީފާއިން ނުކަނޑާ ކަމަށެވެ.

ނަމަވެސް، އިޤްތިޞާދީ އެއްވެސް ހާސްކަމެއް ނެތްކަމަށް ވިދާޅުވެ، އަދި އެއްވެސް މުވައްޒަފަކު ވަޒީފާއިން ނުކަނޑާނެކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޙައްމަދު މުޢިއްޒު، އެއްފަހަރާ 14000 ހާސް މުވައްޒަފުން ވަޒީފާއިން ކަނޑާލަން އުޅޭކަމަށް ވިދާޅުވެ ވައްޑޭ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.



ރިޔާސީ ކެމްޕޭން ތެރޭގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ސިޔާސީ މަގާމުތައް ފިޔަވައި، ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންނާއި ރަށްރަށުގެ އެކި އިދާރާތަކަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މީހުން ވަކިނުކުރާނެ ކަމަށެވެ. އަދި އެ މުވައްޒަފުންނަށް ވަޒީފާގެ ޔަގީންކަން އޭރު އެމަނިކުފާނު ދެއްވާފައިވެއެވެ.

ނަމަވެސް، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އަންގާފައިވާއިރު، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް މުއައްސަސާތަކަށް އަންގާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު