ރައީސް ޒުވާނުންނާއި ބައްދަލު ކުރުމުގެ ތެރެއިން
ރައީސް ޒުވާނުންނާއި ބައްދަލު ކުރުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރު ހަތަރު ދާއިރާއަކަށް މިއަދު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއަށް ކަމަށެވެ. މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންނަށް މިހާރު ވަނީ ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ދީފައެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މީގެ ކުރިންވެސް ހަތަރު ދާއިރާއަކަށް މި ފުރުޞަތު ހުޅުވާލާފައިވެއެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ ވަކިވަކި ދާއިރާތަކުން، ސީދާ ރައީސުލްޖުމްހޫރިއްޔާއާ ވަކިވަކީން ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. މިއީ ރައްޔިތުންގެ ޝުޢޫރުތައް އެމަނިކުފާނު ސީދާ އަޑުއެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ހުރިހާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ބައްދަލުކުރަށްވައި ރައްޔިތުންގެ ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުވެ، ރައްޔިތުން ބޭނުންވާ ކަންކަން ފަސޭހަކަމާއެކު ދެނެގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު