ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދަނީ (ފޮޓޯ: އެމްޓީސީސީ)
ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދަނީ (ފޮޓޯ: އެމްޓީސީސީ)
ނ. ލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާއި، ރ. ދުވާފަރު މަގު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފަށާފައިވާ ނ.ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 26 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން 25،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން މިއަދު ވަނީ ބުނެފައެވެ.

35.60 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި 401 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. ހަމައެއާއެކު 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން 1،280 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހު މަސައްކަތް ފަށާފައިވާ ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެރަށު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 30 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

47 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި މަގުގައި ދުއްވޭ ގޮތަށް 25،513 އަކަމީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދުވާފަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު އެމްޓީސީސީން ބުނީ، މުޅި މަޝްރޫއުގެ 81 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން