ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އަރުވައިފިއެވެ.

މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވައިފައިވާ، މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ޢިލްމުވެރި ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތް އެންމެ ފާހަގަވެގެންދަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމާއި، ދީނީ އެކި ފޮތްފޮތް އެކުލަވައިލެއްވުމުގެ ރޮނގުން ކުރައްވައިފައިވާ އަގުހުރި މުހިންމު މަސައްކަތްޕުޅުތަކެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރައީސްކަމުގެ ވަރަށް ކުރީކޮޅުގައި، ރާއްޖޭގައި އުފެއްދެވި ޢަރަބި އިސްލާމީ ތަޢުލީމުދޭ މަދަރުސާ ކަމަށްވާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމުގައި އެމަނިކުފާނުގެ ޙިއްޞާ ބޮޑެވެ. މަޢުހަދު ހިންގެވުމާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި އޭރު އެކަށީގެންވާ ވަރަށް މީހުން ތައްޔާރުކުރެވިފައި ނުވާ އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަށެވެ. ފަށާތަޢުލީމުން ފެށިގެން މެދުމަދުރަސީ ތަޢުލީމާއި، ސާނަވީ ތަޢުލީމާއި، މަތީ ސާނަވީ ތަޢުލީމާ ހަމައަށް ޢަރަބިބަހުން ކިޔަވައިދިނުން ފުޅާކުރައްވައި، އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން ޢަރަބި އަދި އިސްލާމީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގައި، ގިނަގުނަ މަސައްކަތްޕުޅުތަކެއް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ކުރެއްވިއެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ދީނީ ރޮނގުން އެތައް ފޮތްތަކެއް އެކުލަވައިލައްވައި ޝާއިޢުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، 11 ފޮތެއް ތަރުޖަމާ ކުރައްވައިފައިވާއިރު، ތަޞްނީފު ކުރައްވައި ޝާއިޢު ކުރައްވައިފައިވާ ފޮތްތަކުގެ އަދަދުވެސް ފަންސާހަށްވުރެ ގިނައެވެ. މީގެއިތުރުން، ދީނީ ތަފާތު އެތައް ޕުރޮގުރާމުތަކެއްވެސް ވަނީ ލިޔުއްވައި ތައްޔާރުކުރައްވައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަޑުފުޅުން ރެކޯޑުކޮށްދެއްވައިފައެވެ. ދިވެހިރާއްޖޭގެ އަޑާއި، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" މި ނަމުގައި 365 ޕުރޮގުރާމުގެ ސިލްސިލާއެއް އުފެއްދެވިއެވެ. އަދި "ޤުރްއާނާއި ސައެންސް"ގެ ނަމުގައި 52 ޕުރޮގުރާމުގެ ސިލްސިލާއެއްވެސް ލިޔުއްވިއެވެ. ޓެލެވިޜަން މޯލްޑިވްސްއިން ފޮނުއްވަމުން ގެންދަވާ އަދި ކޮންމެ ރަމަޟާން މަހަކު އެ ޕުރޮގުރާމެއް ބެލުމަށް ދިވެހީންގެ ވަރަށްގިނަ ބަޔަކު މިހާރުވެސް ޝައުޤުވެރިވާ " مُحَمَّـد رســول اللّـه" މި ސިލްސިލާގެ ހުރިހާ ޕުރޮގުރާމުތަކެއް ދިވެހިބަހަށް ތަރުޖަމާ ކޮށްދެއްވައިފައިވަނީވެސް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ނޫސްވެރިކަމުގެ ރޮނގުންވެސް ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ތަފާތު މަޖައްލާތަކާއި ނޫސްތަކުގެ މަސްއޫލުވެރިކަމުގެ އިތުރުން، ސެކްރެޓެރީކަމާއި، މުޤައްރިރުކަންވެސް ކުރައްވައިފައި ވެއެވެ. "އަމާޒު" މަޖައްލާއަށާއި، "ފަތްތޫރަ" މަޖައްލާއަށާއި، އަދި އެހެނިހެން މަޖައްލާތަކަށްވެސް އެކިއެކި ލިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައި، އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމުދޭ މުއައްސަސާ ކަމުގައިވާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައި އަދި ފަހުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގައެވެ. 17 ނޮވެންބަރު 2018 ގައި ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސް ކަމުގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު