މި ސަރުކާރުން 590 ޕްރޮޖެކްޓް ފަށައި ނިއްމާފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުން 590 ޕްރޮޖެކްޓެއް ފަށައި ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ވިދާޅުވުމާ ގުޅިގެން އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިވަން ދުވަހު ރައްޔިތުން އުއްމީދު ކުރާނީ ތެދުވެރި، އިހްލާސްތެރި ބަސްތަކާއި އުފާވެރި ޚަބަރުތަކަށް ކަމަށެވެ. ނަމަވެސް މިފަހަރުގެ މިނިވަން ދުވަހު ފެނިގެންދިޔައީ ތަފާތު މަންޒަރެއް ކަމަށާއި، ރައީސް ހެއްދެވީ "ރޯބުހުތާން" އިތުރުފުޅެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ރައްޔިތަކަށް މަންފާ ކުރާނެ 590 ޕްރޮޖެކްޓް މި ސަރުކާރުން ފަށައި ނިންމާފައެއް ނުވާނެ،" އައްޑޫ މޭޔަރު ވިދާޅުވިއެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް އައްޑޫ ސިޓީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މޭޔަރު ނިޒާރު ވިދާޅުވީ، ސަރުކާރުން ނިންމާފައިވާ އެންމެ ކަމެއްވެސް އައްޑޫއިން ފެންނަން ނެތް ކަމަށެވެ. އަދި އޭގެ ބަދަލުގައި އައްޑޫގައި ފެންނަން ހުރީ މަސައްކަތްތައް ހުއްޓިފައިވާ މަޝްރޫޢުތައް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ، ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި އަަށް މަސްދުވަހުގެ ތެރޭގައި ޙާޞިލުކުރެވުނު ކާމިޔާބީތަކާއި ވޭތުވެދިޔަ ދެ ސަރުކާރުގެ އެ މުއްދަތުގެ ނަތީޖާތަކާ އަޅާކިޔުއްވައި ތަފާސްހިސާބުތަކެއް ހާމަކުރައްވާފައެވެ.

އެގޮތުން، މިހާރުގެ ސަރުކާރަށް ދެ އަހަރާއި އަަށް މަސް ވީއިރު، އެކި ދާއިރާތަކުން 590 މަޝްރޫޢު ނިންމައި ރައްޔިތުންނަށް ޑެލިވަރކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއާޚިލާފަށް ނިމިދިޔަ ސަރުކާރު (އެމްޑީޕީ)ފުރަތަމަ ދެ އަހަރާއި އަަށް މަސްދުވަހުގެ ތެރޭގައި ނިންމުނީ 285 މަޝްރޫޢު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އޭގެ ކުރީގެ ސަރުކާރު (ޕީޕީއެމް) އެ މުއްދަތުގެ ތެރޭގައި ނިންމުނީ 321 މަޝްރޫޢު ކަމަށް ރައީސް ވިދާޅުވިއެވެ.މީގެއިތުރުން، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަދަދުތަކަށް ބައްލަވާލައްވަމުން ރައީސް ފާހަގަކުރެއްވީ، މިވަގުތު 1،635 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. ނިމިދިޔަ ސަރުކާރުގެ އެ މުއްދަތުގައި ހިނގަމުންދިޔައީ 414 މަޝްރޫޢު ކަމަށާއި، އޭގެ ކުރީ ސަރުކާރުގައި ހިނގަމުންދިޔައީ 355 މަޝްރޫޢު ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު