އައިފޯން
އައިފޯން
ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެޕަލް ކުންފުނިން، އެ ކުންފުނީގެ އުފެއްދުންތައް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ އާ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ. މިގޮތުން، އައިފޯން، މެކް، އައިޕެޑް އަދި އެޕަލް ވޮޗް ފަދަ ތަކެތި އެއްފަހަރާ ބޮޑު އަގު ދައްކައިގެން ގަތުމުގެ ބަދަލުގައި، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކުއްޔަށް (ލީސް) ހިފޭނެ ޚާއްޞަ ޕްރޮގްރާމެއް އެ ކުންފުނިން މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.

މަޝްހޫރު ފައިނޭންޝަލް ޕްލެޓްފޯމެއް ކަމަށްވާ "ކްލާރނާ" އާ ގުޅިގެން ފެށި މި ޚިދުމަތް މިހާރު އެމެރިކާގައި ވަނީ އަމަލީގޮތުން ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން އެޕަލްގެ ރީޓޭލް ފިހާރަތަކުންނާއި، އޮންލައިން ސްޓޯރުގެ އިތުރުން އެޕަލް ސްޓޯރ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް މި ޚިދުމަތް ހޯދޭނެއެވެ.

މި ލީސިންގ ޕްރޮގްރާމް ބެހިފައިވަނީ މައިގަނޑު ދެ މުއްދަތަކަށެވެ. އެގޮތުން އައިފޯނާއި އެޕަލް ވޮޗް 12 މަސް ނުވަތަ 24 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ނެގޭއިރު، މެކް ކޮމްޕިއުޓަރުތަކާއި އައިޕެޑްތައް ލިބެނީ 24 މަސް ނުވަތަ 36 މަސް ދުވަހުގެ މުއްދަތަށެވެ. މިއީ ކުރިން އެޕަލްއިން ހިންގި "އައިފޯން އަޕްގްރޭޑް ޕްރޮގްރާމް" އަށްވުރެ ލުއި ފަސޭހަ އަދި އަގުހެޔޮ އިންތިޒާމެކެވެ. މިސާލަކަށް، ކުރީގެ ޕްރޮގްރާމްގައި މަހަކު އެންމެ މަދުވެގެން 42 ޑޮލަރު ދައްކަން ޖެހުނު ނަމަވެސް، އާ ޕްރޮގްރާމްގެ ދަށުން އެންމެ 17.99 ޑޮލަރަށް އައިފޯނެއް ކުއްޔަށް ހިފުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިކޮށްފައިވަނީ އެޕަލްގެ އެންމެ ފަހުގެ އަދި މަތީ ފަންތީގެ އުފެއްދުންތަކެވެ. މީގެ ތެރޭގައި އައިފޯން 17 ސީރީޒް، އައިފޯން އެއަރ، އެޕަލް ވޮޗް ސީރީޒް 11، އެޕަލް ވޮޗް އުލްޓްރާ 3، މެކްބުކް އެއަރ، މެކްބުކް ޕްރޯ، އައިމެކް، މެކް ސްޓޫޑިއޯގެ އިތުރުން އައިޕެޑް އެއަރ، ޕްރޯ އަދި މިނީ ހިމެނެއެވެ. ނަމަވެސް، އަގުހެޔޮކޮށް ބާޒާރަށް ނެރެފައިވާ އައިފޯން 16، މެކްބުކް ނިއޯ، އަސާސީ އައިޕެޑް އަދި އެޕަލް ވޮޗް އެސްއީ ފަދަ އުފެއްދުންތައް މި ޕްރޮގްރާމްގެ ދަށުން ނުލިބޭނެއެވެ.

އެޕަލްއިން މިފަދަ ލީސިންގ މޮޑެލްއަކަށް ބަދަލުވާން ނިންމީ، އިލެކްޓްރޯނިކްސް ސާމާނުގެ އަގުތައް އުފުލެމުންދާތީއެވެ. ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއާއެކު މެމޮރީ ޗިޕްތަކުގެ އަގު ބޮޑުވެފައިވާއިރު، ކަސްޓަމަރުން ފޯނު ބަދަލުކުރާ މުއްދަތު މިހާރު ވަނީ އެވްރެޖްކޮށް 22 މަސް ދުވަހަށް ދިގުވެފައެވެ. އެހެންކަމުން، އެޕަލްގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުންނަށް މާލީ ގޮތުން ލުއި ފަސޭހަ މަގުތަކެއް ދައްކައިދީގެން، އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ މިންވަރު އިތުރުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު