ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒަކީ ދައްކަވާ ވާހަކަފުޅާއި އަމަލީ މަސައްކަތް ސީދާ ދިމާވާ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވަމުންދަވާ ބޭފުޅެއްކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހީމް ދީދީ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ޤައުމުގެ އިޤްތިޞާދު ބަނގުރޫޓުކޮށް، ދަރުވާލާފައިވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ކަންކަން ކުރި ބަޔަކަށް ދެވަނަ ފަހަރަށް ރައްޔިތުން "އާނއެކޭ" ބުނެދާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ދީދީ ވިދާޅުވީ، ނިމިދިޔަ ސަރުކާރުތަކުން އަންހެނުންގެ ވާހަކަދެއްކީ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މުސާރަ ކަނޑައަޅައި، ކައުންސިލްތަކާއި ޤައުމީ ފެންވަރުގައި އަންހެނުންގެ ހިއްސާ ބޮޑުކޮށް އަމަލީގޮތުން ފުރުސަތުތައް ހުޅުވާލަދިނީ މި ސަރުކާރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ނޫސްވެރިން ތިބީ "ބަންދުކޮށް ހައްޔަރުކޮށްފައި" ކަމަށެވެ. އިދިކޮޅު މެންބަރުންގެ ގޮތުގައި ތިއްބެވިިއިރު ޕީޕީއެމް އޮފީސް ދޮރުމަތީގައި ފުލުހުން ބެރިކޭޑު ޖަހައި، ނުކުމެވޭނެ ގޮތެއް ނެތި އަހަރުތަކެއް ވަންދެން ތާށިވެފައި ތިބެންޖެހުނު ކަން ހަނދާންކޮށްދެއްވަމުން، މިއަދު ދިވެހި ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާހީ އެޖެންޑާއެކޭ ކިޔައިގެން ވާހަކަދެއްކި އިރު، އެންމެ ކުޑަމިނުން އިސްރާއީލު ޕާސްޕޯޓު ބޭންކުރަންވެސް ނިމިދިޔަ ސަރުކާރަކަށް ނުކެރުނު. ނަމަވެސް މި ސަރުކާރުން އެކަން ކުރި. ރައީސް މުޢިއްޒު މިއަދުވެސް ހަރުއަޑުން ވިދާޅުވަނީ އިސްލާމީ ވަހުދަތާއި ދީނީ ކަންކަމާއި، ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ކުރައްވަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް،" ދީދީ ވިދާޅުވިއެވެ.

މީގެއިތުރުން، މާލޭގެ މަގުމަތީގައި ބިރުވެރިކަން އުފެދި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުންދިޔަ މާރާމާރީތަކާއި، ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް މި ސަރުކާރުން ހައްލު ހޯދައިދީ، ގައުމުގައި އަމާންކަން ގާއިމުކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަތައް ހިނގަމުންދާ މިފަދަ ދަނޑިވަޅެއްގައިވެސް، ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އަޅުވައި، ރަށްރަށުގައި ހަމަޖެހުން ގާއިމުކޮށްދެއްވާފައިވާތީ، އެކަންކަން އޮޅުވާލުމަށް އިދިކޮޅުން ކުރާ މަސައްކަތްތަކަށް ރައްޔިތުން ސަމާލުވުމަށް ދީދީ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް