މޭޔަރު އާދަމް އާޒިމް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ރަސްއޮންލައިން
މޭޔަރު އާދަމް އާޒިމް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ރަސްއޮންލައިން
މާލެ ސިޓީގެ މަގުތަކާއި އާންމު މައިޒާންތަކުގައި ކުނި ގިނަވެ، ސާފުތާހިރުކަން ގެއްލުމުގެ ސަބަބުން ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރި ބޮޑު ކާރިސާއަކަށް މަގުފަހިވެދާނެތީ އެކަމުގެ ބޮޑު ކަންބޮޑުވުމެއް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ފާޅުކުރައްވައިފިއެވެ.

މޭޔަރު މިކަމަށް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ، މާލެ ސިޓީގެ ކުނި މެނޭޖުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތްތަކަށް ބުރޫއެރުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އާޒިމް ވިދާޅުވީ، ކުނި އުކާލުން ފަދަ އާންމު ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަންކަމުގައި، ކުއްލިއަކަށް ދިމާވެދާނެ ހާދިސާއަކަށް އިދާރާތަކުން ފުރިހަމައަށް ތައްޔާރުވެފައި އޮންނަންޖެހޭނެ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ފަދަ "ދެވަނަ ގޮތެއް" ނުވަތަ ބެކަޕް ޕްލޭނެއް އަބަދުވެސް ރޭވިފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގެ ކުނި އުކުމުގެ ނިޒާމަށް މި މައްސަލަ ކުރިމަތިވީ، މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ އިރާކޮޅު ތިލަފުށީގެ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާއަށްފަހު ކުނި އުކުމުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، މާލޭގެ ގިނަ މަގުތަކެއްގެ ކައިރީގައި ކުނި ބަރުވެފައި ހުރުމުގެ ސަބަބުން އާންމު ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މި ނާޒުކު ހާލަތަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ވަނީ އިސްނަގައިގެން މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، އިއްޔެ މާލެ ސިޓީ ކައުންސިލްގެ 11 ކައުންސިލަރަކު ވަނީ ވެމްކޯގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ކުނި އުކުމުގެ ޚިދުމަތް އަލުން ހަމައަކަށް އަޅުވައި، މާލޭގެ މަގުތަކުން ކުނި ހުސްކުރެވޭނެ އަވަސް ގޮތްތަކާ ގުޅޭގޮތުން ދެ ފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު