އޮސްޓްރޭލިއާގެ މަޝްހޫރު ބޭންޑު "ބިޔޯން އަގެއިން" ގެ ކޮންސަޓް ކެންސަލްކޮށް، ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

މި އިވެންޓް އިންތިޒާމުކުރާ "އުބާ އީވެންޓްސް" އިން ބުނީ ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ މި މިއުޒިކް ޝޯ ކެންސަލްކުރަން ޖެހުނީ އިވެންޓުގެ ތައްޔާރީތައް ކުރިއަށްދަނިކޮށް އަދި ސްޓޭޖް ހެދުމުގެ މަސައްކަތްވެސް ކުރަމުންދަނިކޮށް ކަމަށެވެ. މިގޮތުން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ކުއްލިއަކަށް ސޯޝަލް ސެންޓަރު ބޭނުންކުރުމުގެ ހުއްދަ އަނބުރާ ގެންދިއުމާ ގުޅިގެން މަޖުބޫރީ ހާލަތެއް ދިމާވީ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އުބާ އީވެންޓްސް އިން ފާހަގަކުރި ގޮތުގައި، މިނިސްޓްރީގެ މި ކުއްލި އެންގުން އައިސްފައިވަނީ "ބިޔޯން އަގެއިން" ގެ މެންބަރުން ރާއްޖެއަށް އައުމަށް ދަތުރުކުރަމުންދަނިކޮށެވެ. މި ނިންމުމުގެ ސަބަބުން އެ ކުންފުންޏަށް މާލީގޮތުންނާއި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެ ފަރާތުން ހާމަކުރެއެވެ.

މީގެއިތުރުން، މި ކޮންސަޓްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފަންނާނުންނަށާއި، އިވެންޓުގެ ސްޕޮންސަރުންގެ އިތުރުން ޓިކެޓް ގަނެގެން ތިބި އާންމުންނަށްވެސް މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

"އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކީ އަޅުގަނޑުމެން ގެންނަ ކޮންމެ ފަންނާނަކުވެސް ރާއްޖޭގައި ހުންނަ މުއްދަތުގައި ރާއްޖޭގެ ގާނޫނުތަކާއި، ގަވާއިދުތަކާއި، އަދި ސަގާފީ ހަމަތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމާއި އެއަށް އަމަލުކުރުން ކަށަވަރުކުރުން. އަދި ބިޔޯން އަގެއިން އިންވެސް އޮތީ ރާއްޖޭގެ އެންމެހައި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ތައްޔާރަށް،" އުބާ އީވެންޓްސް ބުނެފައިވެއެވެ.

މި ކުރިމަތިވި މާޔޫސްކަމަށްޓަކައި އުބާ އީވެންޓްސްއިން ވަނީ ޓިކެޓް ގަނެފައިވާ އެންމެހައި ފަރާތްތަކުގެ ކިބައިން އިޚްލާޞްތެރިކަމާއެކު މާފަށް އެދިފައެވެ. އަދި ޓިކެޓް ގަތް މީހުންނަށް މި ހަފުތާއިން ފެށިގެން ފައިސާ އަނބުރާ ރައްދުކުރުމުގެ (ރީފަންޑް ދިނުމުގެ) މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

އުބާ އީވެންޓްސްއިން އިތުރަށް ބުނީ، ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ރާއްޖެއަށް ގެނެސްދިނުމުގެ އަޒުމުގައި ދެމިއޮންނާނެ ކަމަށާއި، ރާއްޖޭގެ އިވެންޓް އަދި އެންޓަޓެއިންމަންޓް ދާއިރާއަށް އިންސާފުވެރި އުސޫލުތަކެއް ގާއިމުކުރުމަށް އެ ކުންފުނިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ.

އުބާ އިވެންޓްސްއިން ސްޕޮންސަރުން ހޯދައި، ޓިކެޓު ވެސް ވިއްކާފައި ވަނިކޮށް ސަރުކާރުން މި ޝޯ ހުއްޓުވާފައިވާތީ ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފައެެވެ. އެކަމާ ގުޅިގެން ޔޫތް މިނިސްޓްރީ އިން ބުނީ ބިޔޯން އަގެއިން' ބޭންޑުގެ ޝޯ ރާއްޖޭގައި ބާއްވަން އުޅެނިކޮށް ސަރުކާރަކުން ނުހުއްޓުވާ ކަމަށާއި އެދުނީ ސޯޝަލް ސެންޓަރު ނޫން އެހެން ތަނެއްގައި ޝޯ ބާއްވަން ކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދޭނެކަމުގެ ޔަގީންކަން ވެސް ޝޯގެ އޮގަނައިޒް ކުރާ ފަރާތަށް ދިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު