ބާރަށު ދާއިރާގެ މެންބަރު ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު ޝުޖާއު
ޤައުމުގެ މިނިވަންކަމަށް ނުރައްކާވާ ފަދަ ކަންކަން މާޒީގައި ކުރައްވާފައިވާ ފަރާތްތަކަށް އެފަދަ ކަންކަން ނުކުރުމަށް ނަޞޭޙަތްތެރިވާން އެންމެ މުނާސަބު ވަގުތަކީ މިނިވަން ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝުޖާޢު މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

އޭނާ ވިދާޅުވީ ސިޔާސީ އަދި ޚާރިޖީ ސިޔާސަތުގެ ވާހަކަ ދައްކަވަން މިނިވަން ދުވަހަށް ވުރެ މުނާސަބު ވަގުތެއް ނޯންނާނެ ކަމަށާއި، މިނިވަން ދުވަހުގެ ތަޤުރީރަކީ މާޒީގައި ކޮށްފައި ހުރި ނުރަނގަޅު ކަންކަން އިޞްލާޙުކުރަން ގޮވާލަންޖެހޭ ތަޤުރީރެއް ކަމަށެވެ.

​އިދިކޮޅު އެމްޑީޕީގެ ވެރިކަންތަކުގައި ޤައުމުގެ މިނިވަންކަން ނުރައްކާވާ ހާލަތަކަށް ގޮސްފައިވާ ކަން މާޒީން ފެންނަން އޮތް ކަމަށް ފާހަގަކުރައްވަމުން ޝުޖާޢު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިސްރާއީލާ އެކު ގުޅުން ބަދަހިކުރުމަކީ ދިވެހި ތާރީޚުން ފެންނަން އޮތް ޙަޤީޤަތެއް ކަމަށެވެ.

އަދި އެމްޑީޕީގެ ޚާރިޖީ ސިޔާސަތަށް މިއަދު ބަދަލެއް އައިސްފައިވާ ނަމަ، އެކަން ރައްޔިތުންނަށް އިޢުލާންކޮށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް