ކ. ގާފަރު ކައިރިއަށް މިއަދު ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެމީހުން އަދިވެސް ނުފެނެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓި ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށް ދާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި 10 މީހަކު ތިބި ކަމަށާއި އެއީ 8 ބިދޭސީންނާއި ދެ ދިވެހިން ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 8 މީހުން ސަލާމަތް ކޮށްފައިވާއިރު ގެެއްލުނު ދެ މީހުންގެ ޚަބަރެއް އަދި ނުވެއެވެ. އެ ހާދިސާ އިން ސަލާމަތްކުރި 8 މީހުން ގާފަރަށް ގެންގޮސްފައިވާއިރު އެ އެންމެންގެ ހާލު ވެސް ރަނގަޅެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލިގެން ހޯދަމުންދަނީ ދެ ބިދޭސީން ކަމަށެވެ.

މިއަދު މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ކަނޑުމަތީގެ ނުރައްކާތެރި ބައެއް ހާދިސާތައް ވަނީ ހިނގައިފައެވެ.

އެގޮތުން، މިއަދު ހެނދުނު ކ. މާފުށި ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަހައިގެން ގޮސް، އެ ރަށުގެ ފަރަށް ލައްވުމުގެ ސަބަބުން އެ އުޅަނދު ވަނީ އެއްކޮށް ހަލާކުވެ، ފުނޑުފުނޑުވެފައެވެ.

މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ހުޅަނގު މޫސުމުގެ އަސަރާއެކު ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފެއްގެ ސަބަބުން، ރާއްޖޭގެ ހުޅަނގު ފަރާތުގައި ބޯވިއްސާރަ ވިލާ ދަނީ ވަރަށް އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން މިއަދު ރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް މޫސުން ގޯސްވާނެއެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ވަނީ ލަފާކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް