ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެކި ދާއިރާތަކުން ލަފާދޭނެ 100 އަށްވުރެ ގިނަ ތަޖުރިބާކާރުންގެ ޤައުމީ މަޖިލީހެއް، ކުރިއަށްއޮތް ނޮވެންބަރު މަހު އެކުލަވާލައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްޞަ މަޝްވަރާ މަޖިލީހަކާއި، ޤައުމީ ލަފާދޭ މަޖިލީހެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންދާކަން ރައީސް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ޤައުމަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޤާބިލު ބޭފުޅުންގެ ޚިޔާލާއި އިރުޝާދު ޤައުމީ ކަންކަމުގައި ލިބޭނެ ނިޒާމެއް އޮތުން މުހިންމު ކަމަށެވެ. އެގޮތުން، އެކި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފަންނުވެރިންނަށް ޤައުމީ މައްސަލަތަކުގައި ބަސްބުނުމާއި، ނިޒާމީ ބަދަލުތައް ގެނައުމަށް ލަފާދިނުމުގެ ފުރުޞަތު މި މަޖިލީހުގެ ތެރެއިން ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ހާލަތްތަކުގައާއި، ބޭފުޅުން އިސްނަންގަވައިގެންވެސް ލަފާދެއްވޭނެ ގޮތަށް އުފައްދަވާ މަޖިލީހެކެވެ.

ރައީސް ވިދާޅުވީ މިގޮތުން އެކުލަވާލެވޭ ޚާއްޞަ މަޝްވަރާ މަޖިލީހުގައި ހިމެނޭނީ ދައުލަތުގެ ޢިއްޒަތާއި ޝަރަފު އަރުވާފައިވާ، ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އިސްރަށްވެހިން ކަމަށެވެ.އަދި ޤައުމީ ލަފާދޭ މަޖިލީހުގައި ހިމެނޭނީ ސިއްޙީ، ތަޢުލީމީ، އިޤްތިޞާދީ، އިޖުތިމާޢީ އަދި ޚާރިޖީ ދާއިރާ ފަދަ ތަފާތު އެކި ފަންނުތަކުގެ އެންމެ މަތީ ތަޢުލީމާއި ތަޖުރިބާ ހުރި 100 އާއި 150 ދެމެދުގެ އަދަދެއްގެ ތަޖުރިބާކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށްވެސް ބޭނުންވެއްޖެ ހިނދެއްގައި މި މަޖިލިސްތަކުގެ އިރުޝާދާއި ލަފާ ހޯދޭނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އިދާރީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި (ނޮވެންބަރު މަހުގެ ތެރޭގައި) މި މަޖިލިސްތައް އެކުލަވާލެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް