ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، އެ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ތަފާތު ދާއިރާތައް ޑިޖިޓަލް ކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ މުހިންމު ބައެއް ކަމަށެވެ.

އަލަށް ތައާރަފުކުރާ އައިޑީ ކާޑަކީ އަތުގައި އޮންނާނެ ފިޒިކަލް ކާޑެއް ނަމަވެސް، އެ ކާޑު ބަދަލުވެގެންދާނީ ޑިޖިޓަލް އަދި ސްމާޓް ކާޑަކަށް ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން އެކި ތަންތަނުން ޚިދުމަތް ހޯދުމުގެ އިތުރުން ފައިސާ ދެއްކުން ފަދަ އާންމު ހުރިހާ މުއާމަލާތެއް ވެސް އެ ކާޑު ބޭނުންކޮށްގެން ކުރެވޭނެއެވެ. މި ބަދަލަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މި ޑިޖިޓަލް ޕްރޮގްރާމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބޭންކުތަކުން ވެސް އިސްތިސްނާއެއް ނެތި ބައިވެރިވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެ ޑިޖިޓަލް ކުރުމުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލައި، ރައްޔިތުންނަށް ދެފުށް ފެންނަ، ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް