މާލެއާއި ގްރޭޓަރ މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަދި ޕާކިންގ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އުފެެއްދެވި އޮފީހަށް ބޮޑެތި ބާރުތަކަކާއެކު ގާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަނަލް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރައްވަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި އަލަށް އުފެއްދެވި މިއޮފީހަކީ ކަމާގުޅުންހުރި އެހެން މުއައްސަސާތައް ބައިޕާސްކޮށްފައި ހިންގާނެ ތަނެއް ނޫން ކަމަށާއި، މިއީ އެ ހުރިހާ މުއައްސަސާތަކެއް ބައިވެރިކޮށްގެން ހިންގާނެ "ވަން ސްޓޮޕް ސޮލިއުޝަން" އޮފީހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިއޮފީހަށް ބޭނުންވާ މުވައްޒަފުންނަކީ މުޅިން އަލަށް ނަގާ މުވައްޒަފުންނެއް ނޫނެވެ. އޭގެ ބަދަލުގައި އެކި އޮފީސްތަކުގައި މިހާރުވެސް ޓްރެފިކާއި ޕާކިންއާ ގުޅޭ މަސައްކަތްތައް ކުރައްވާ މުވައްޒަފުން މިއޮފީހަށް ބަދަލުކުރެވޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެ ސަބަބުން އިތުރު ޚަރަދުތަކެއް ނުގޮސް، މިހާރު ހުރި ރިސޯސްތައް ރީ-އެރޭންޖްކޮށްގެން ނަތީޖާ ނެރެވޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންވެގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ މަގުތަކުގެ ޓްރެފިކް މެނޭޖްކުރުމާއި ޕާކިންގ މެނޭޖްކުރުމުގައި ތަންފީޒީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުލް އޮތޯރިޓީ މިއޮފީހަށް ލިބިގެންދާނެ ކަމަށެވެ. އަދި ޓްރެފިކް ޕޮލިހާއި އެހެނިހެން ކަމާގުޅޭ ހުރިހާ އިދާރާތަކެއް މިއޮފީހުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލޭގައި އަޅަން ނިންމާފައިވާ ދެ ޕާކިންގ ބިލްޑިންގުގެ މަސައްކަތްތަކާއި، އެ އިމާރާތްތައް ނިމުމުން ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް އަދާކުރާނީ އެ އޮފީހުން ކަމަށެވެ.

"މިއީ ވަން ސޮޓްޕް ސޮލިއުޝަން އޮފީހެއް. މިތަނުން އަޅުގަނޑުމެން ތަންފީޒީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް، މާލޭގައި ޓްރެފިކާ ގުޅޭގޮތުން ތަންފީޒީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމަކަށް ފުލް އޮތޯރިޓީ އޮންނާނެ،" – ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޕާކިންގ ބިލްޑިންގތައް އެޅުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއަށް މާލެއިން ބައެއް ބިންތައް މިހާރު ހަމަޖައްސައިދީފައިވާ ކަމަށާއި، ވަރަށް އަވަހަށް އެތަންތަނުގައި އިމާރާތްތައް އަޅަން ފަށާނެ ކަމަށެވެ. އަދި މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ސަރުކާރުގެ މަސައްކަތްތަކާއެކު އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުންވެސް ލިބިގެންކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް