ސްޓެލްކޯ-
ސްޓެލްކޯ-
ހުޅުމާލޭގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާތީ، އެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް އިތުބާރާއެކު ފޯރުކޮށްދިނުމަށްޓަކައި 70 މެގަވޮޓްގެ އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، މާލޭ ސަރަހައްދުގެ އާބާދީއަށް އަންނަ ބަދަލުތަކާއެކު ކަރަންޓުގެ ޚިދުމަތަށް އޮތް ޑިމާންޑް ބޮޑުވަމުންދާ ކަމަށެވެ. އެހެންކަމުން، މިހާރުން މިހާރަށްވެސް ކަރަންޓުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އަޕްގްރޭޑް ކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އަޒުވަރު ވިދާޅުވި ގޮތުގައި މީގެ ކުރިން އާބާދީ އިތުރުވަމުންދިޔަ ދަނޑިވަޅުތަކުގައި ކަރަންޓުގެ ބޭނުން ފުއްދުމަށް ބޭނުންކޮށްފައިވަނީ ހައި-ސްޕީޑް ޖެންސެޓުތަކެކެވެ. ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ކުރިއަށް އޮތް އަހަރާއި 2028 ވަނަ އަހަރުގެ 'ޕީކް' ސީޒަނަށް އަމާޒުކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީޑިއަމް-ސްޕީޑް ޕަވަރ ހައުސްއެއް ބިނާކުރުމަށް މިހާރު ވަނީ ޕްލޭންކޮށްފައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ ހުޅުމާލޭގެ މުސްތަގުބަލަށް ވަރަށް މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރޭގައި މިހާރު ހުޅުމާލޭގައި އެޅެމުންދާ ފްލެޓުތަކުގެ މަސައްކަތް ނިންމައި އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމެވެ. އެހިސާބުން ދެވަނަ ފިޔަވަހީގެ އާބާދީ އިންތިހާއަށް އިތުރުވެގެންދާނެތީ، އެވަގުތަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު މަޝްރޫއުތައްވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުން މިހާރަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާކަން ސްޓެލްކޯއިން ހާމަކުރެއެވެ. މިހާރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އާންމުކޮށް ބޭނުންކުރަމުންދަނީ 50 މެގަވޮޓުގެ އިންޖީނުގެއެކެވެ.



ކިޔުންތެރިންގެ ހިޔާލު