ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު
ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު
ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މުޅި ދައުލަތް ހިންގުމުގެ މައިގަނޑު މަސައްކަތްތައް ކުރެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ޕީއެންސީން ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީންގެ ޒަޢާމަތުގައި ތަރައްޤީގެ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން ރަށްރަށުގެ ކައުންސިލްތަކުން އެމަނިކުފާނަށް ގުޅަން މަސައްކަތް ކުރި ނަމަވެސް، ގިނަ ފަހަރަށް ފޯނު ނުނަންގަވާ ކަމަށެވެ. އަދި އެފަދަ ކޮންމެ ކަމެއްގައިވެސް އިރުޝާދު ދެއްވަނީ ޑރ. މުޢިއްޒާ ބައްދަލުކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވި ގޮތުގައި، އެ ދުވަސްވަރު ދައުލަތުގެ މުޅި ހިންގުން ބިނާވެފައި އޮތީ އޭރުގެ ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. މުޢިއްޒުގެ ބުރަ މަސައްކަތްޕުޅުގެ މައްޗަށެވެ. މާލޭގެ ރިންގު ރޯޑު ހެދުމާއި، ރަށްރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ އިސް ހިންގުންތެރިއަކީ ޑރ. މުޢިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މާލޭގެ މޭޔަރުކަމުގެ އިންތިޚާބުގައި އެމްޑީޕީން ޒަމާނުއްސުރެ ދަމަހައްޓަމުން އައި ކާމިޔާބީ ނިމުމަކަށް ގެނެސް، މާލޭގެ ރައްޔިތުން ޑރ. މުޢިއްޒަށް އިތުބާރު ކުރީ ހައުސިންގ މިނިސްޓަރުގެ ގޮތުގައި އެމަނިކުފާނު ދެއްކެވި އިޚްލާޞްތެރި ނަތީޖާތަކުގެ ސަބަބުން ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާއުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެ ވެރިކަމުގެ ކާމިޔާބީއަކީ ޑރ. މުޢިއްޒާއި ޕާޓީގެ އިސް ބޭފުޅުންގެ ބުރަ މަސައްކަތް ކަމަށްވާއިރު، އެއީ ހަމައެކަނި ވަކި ފަރުދެއްގެ ކާމިޔާބީއެއްގެ ގޮތުގައި ދެއްކުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު