ސިޔާސީ ބައެއް ފަރާތްތަކުން ގައުމީ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކޮށް، ފަތުރަމުންދާ ފިތުނަވެރި ވާހަކަތަކަށް ދިވެހި ރައްޔިތުން ސަމާލުވެ، އަމިއްލަ ބުއްދިން ކަންކަމާމެދު ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އއ. އުކުޅަހުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދަކީ ގައުމަށް ހަމަޖެހުން ގެނެސްދެއްވުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ބަދަލުހިފުމުގެ ރޫހު އެއްކޮށް ނައްތާލައި، ގައުމަށް މަންފާކުރާނެ ސާފު ވިސްނުމެއް ގެންގުޅުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ޑިމޮކްރަސީ ހަރުދަނާ ގައުމުތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގައުމަށް ފައިދާހުރި ކަންކަމުގައި އެއްބަސްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު ފެންނަނީ އެއާ މުޅިން ހިލާފު މަންޒަރެއް ކަމަށެވެ.

"ގައުމު އިސްނުކުރޭ. ގައުމު އިސްނުކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުންދަނީ. ގައުމަށް ރަނގަޅުކަމެއް ކުރާކަމުގައި ވަންޏާމު، ރައްޔިތުންނަށް ރަނގަޅުކަންތައް ފޯރުކޮށްދޭނެ ކަމަށްވަންޏާ އެކަންކަމަކީ ހަމަ ރަނގަޅު ކަންތައްތައް. އެކަންކަމަށް އިދިކޮޅު ފަރާތްތަކުން، ސިޔާސީ ފަރާތްތަކުން ޖެހޭނެ އެއަށް އެއްބާރުލުންދޭން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށް، ގައުމުގެ ހަމަޖެހުން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތައް ދެނެގަންނަންޖެހޭ ކަމަށެވެ. އަދި މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކޮށް، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ވަޒަންކުރަން އެނގޭ ބަޔަކަށް ރައްޔިތުން ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ސާބިތުކަމާއެކު ތިބެެއްޖެނަމަ، ގައުމު އަނެއްކާވެސް ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމަށާއި، މިނިވަންކަމާއި ސިޔާދަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ކުރާ މަސައްކަތްތަކަށް ފުރުސަތު ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމުގެ އިގުތިޞާދު އަނދަވަޅަކަށް ވައްޓާލުމުގެ ފުރުސަތުވެސް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިޔާސީ ލީޑަރުން ދައްކަވާ ވާހަކަތަކުގެ އޮށްޓަރެއް ހުރިތޯ ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ގައުމު އިސްކުރުމުގެ ސިފަ އަށަގަންނުވައިފިނަމަ، ގައުމުގެ ކަންކަން ހަމަމަގުން ގޮސް ރައްޔިތުންނަށް އުފާވެރި، ފާގަތި ދުވަސްތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު