ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު
ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު
ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކުރި "ޕާމް ޕެސްޓް ބައޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގް ޒިއަންހުވާއެވެ. މި ސެންޓަރަކީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްޤީކުރި މަރުކަޒެކެވެ.

މިއީ 14 ޖުލައި 2024 ގައި ޗައިނާ ސަރުކާރާއެކު ސޮއިކުރެވުނު "އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" އެއްބަސްވުމުގެ ދަށުން ޤާއިމުކުރި ފެސިލިޓީއެއް ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި މަރުކަޒުގެ މައިގަނޑު ބޭނުމަކީ ކޮކޮނަޓް ލީފް ބީޓްލް ނުވަތަ ކުދި ރުކުމަޑިއަށް ގުދުރަތީގޮތުން ހަމަލާދޭ ފައިދާހުރި ސޫފާސޫފި (ޕެރަސައިޓޮއިޑް) އާލާކުރުމެވެ. މި ސެންޓަރުގެ އެހީގައި ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުވެގެންދާނެއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނީ، މި މަޝްރޫޢުގެ ދަށުން ޕެސްޓަށް ހަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މި ސެންޓަރުގެ ޤާބިލުކަމަށް ބަލާއިރު، ދުވާލެއްގެ މައްޗަށް 1 ލައްކަ ޕެރަސައިޓޮއިޑް އާލާކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ސެންޓަރުގެ ސަބަބުން ކެމިކަލް ބޭނުންކުރުން މަދުވެ، ގުދުރަތީ ނިޒާމުގެ ތެރެއިން ރުއްތަކަށް ޖެހޭ ބަލިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ޕިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު